މިދިޔަ ހޮނިހިރު ދުވަހު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އިސްތިއުފާ ދެއްވި އަލީ ޝުޖާއު ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައި ވާއިރު، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މި ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ޝުޖާއު އެ މަގާމަށް އައްޔަން ކުރެއްވީ, 25 ޑިސެމްބަރު 2023ގައެވެ. އޭނާ ކޮމިޝަނަރުގެ މަގާމުގައި 488 ދުވަސް ހޭދަ ކުރެއްވުމަށް ފަހު ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވުމަށް ފަހު ވަނީ ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފައެވެ.
ޝުޖާއު ފުލުހުންގެ ވަޒީފާއާ ގުޅިވަޑައިގަތުމުގެ ކުރިން އުޅުއްވީ ތައުލީމީ ދާއިރާގައެވެ. އެގޮތުން ޓީޗަރެއްގެ ވަޒީފާގެ އިތުރުން އެސިސްޓެންޓް ޕްރިންސިޕަލެއްގެ މަގާމު ވެސް ފުރުއްވެވިއެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފައެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއު އާއި ނަވީންނެވެ.
ސަރުކާރުގެ އިސްވެރިންތަކެއްގެ މަސްލަހަތު އޮތް މައްސަލައެއްގެ ތަހުގީގާ މެދު ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ކޮމިޝަނަރު އިސްތިއުފާ ދެއްވި ނަމަވެސް އެ މައްސަލައަށް އަދިވެސް ހަމަޖެހުމެއް ނާދެއެވެ. ރޭ ބޯ ވާރޭގައި ވެސް ޒުވާނުން ވަނީ ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެ މުޒާހަރާ ކޮށްފައެވެ.