ރާއްޖެއިން ތަރައްގީވެފައިވާ ގައުމަކަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދައުވަތު ދެއްވައިފިއެވެ.
މި މޭރުމުން ރައީސް ވާހަކަފުޅު ދެއްކެވީ، އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025ގައި ތަގުރީރު ކުރައްވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ، މި ސަރުކާރުން ކުރިއަށްދަނީ ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދައި ދިނުމުގެ އަޒުމުގައިކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރައީސް ވަނީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މުއައްސަސާތައް ހަރުދަނާ ކުރުމަށާއި ދިވެހި ޖަޒީރާތަކަށް ލިބިފައިވާ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހި ކުރުމަށް، މި ސަރުކާރުން ވެފައިވާ ވައުދުތަކަކީ، އެ މަނިކުފާނު ޚާއްސަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަނީ: ރައީސްވަނީ ރާއްޖޭގައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިޔާގެ ވިޔަފާރިތަކަށް ދައުވަތު ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް
އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ދިވެހިރާއްޖެ ބައްދަލުކުރާނީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދައުވަތުދެއްވާފައެވެ. ރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، އެހީތެރިކަން ބޭނުންވާ ދާއިރާތަކުން، އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިއަދުގެ ތަގުރީރުގައި އެމަނިކުފާނު ވަނީ، ރާއްޖޭގެ އިގުތިސާދީ ޚާއްސަ ސަރަހައްދު (އީއީޒެޑް)ގައި ވުނަކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވިފައިވާ ފުރުސަތުތައް ވެސް ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ޝަޢުގުވެރިވަނީ، ދެ ފަރާތަށް ވެސް ފައިދާކުރަނިވި، އިތުބާރު ހިފޭ ފަދަ، ހަރުދަނާ ތަރައްގީގެ ބައިވެރީން ހޯދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި އިސްތިރާޖީ ފައިދާތަކަށް އިޝާރާތްކުރައްވަމުން އެ މަނިކުފާނު ވަނީ، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި ވުނަކުރެވިދާނޭ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްސަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށް ވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނުގެ ތަގުރީރު ނިންމަވާލެއްވީ، ދިވެހިން މި ތިބީ، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ގޮތުގައްޔާއި ރާއްޖޭގެ މުސްތަގުބަލާއި ތަމައްދުނުގެ ބައިވެރިންގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުންނަށް މަރުހަބާކިޔަން ތައްޔާރަށް ކަމުގައި ހާމަ ކުރައްވަމުންނެވެ.
ރައީސް މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ވެސް ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.