މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025އިން ފެނުނީ، މި ސަރުކާރަށް އިންވެސްޓަރުންގެ އިތުބާރު އޮތް ތަން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޚަލީލް ވިދާޅުވި ގޮތުގައި މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމަކީ މިހައިތަނަށް ރާއްޖޭން ބޭރުގައި ބޭއްވި އެންމެ ކުލަގަދަ ފޯރަމެވެ. އެ ފޯރަމްގައި ވަރަށް ގިނަ އަދަދެއްގެ އިންވެސްޓަރުން ބައިވެރިވި ކަމަށާއި، އެއީ ރާއްޖޭގައި އޮތް ވިޔަފާރީގެ ފުރުސަތުތަކަށް، މެލޭޝިޔާގެ ވިޔަފާރިވެރީންގެ ފަރާތުން އޮތް އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށް ޚަލީލް ވިދާޅުވިއެވެ.
"މިއިން ދައްކުވައިދެނީ ރާއްޖޭގައި މި އޮތް ވިޔަފާރީގެ ފުރުސަތުތަކާ ދޭތެރޭގައި މި ތަނުގެ ވިޔަފާރިވެރިންގެ އޮތް އިތުބާރު. ރާއްޖޭގެ ސަރުކާރުން ގެންގުޅޭ ހަމަހަމަ ސިޔާސަތާއި ހުޅުވާލެވިފައިވާ ހުޅުވާލުމަށް މި ތަނުގެ ބޭފުޅުންގެ އޮންނަ އިތުބާރު،" ޚަލީލް ވިދާޅުވިއެވެ.
ބިޒްނަސް ފޯރަމުގައި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމް ވެސް ބައިވެރިވެ ވަޑައިގަތެވެ. ޚަލީލް ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ބޮޑުވަޒީރަށް ހުށަހެޅުއްވުމާއެކު، ދެ ބޭފުޅުންގެ މެދުގައި ގާތް ކަމެއް އުފެދުނުކަން ފާހަގަވި ކަމަށެވެ. އަދި ބޮޑުވަޒީރު ބިޒްނަސް ފޯމްގައި ބައިވެރިވެ ވަޑައިގަތުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު، ބޮޑުވަޒީރު އަންވަރާ ބައްދަލުކުރައްވައި، ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއާއި ޒުވާނުންނާއި ކުޅިވަރާއި އިސްލާމިކް ބޭންކިންއާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.
އެ މަޝްވަރާތަކަށް ފަހު ދެ ގައުމުން ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ ދާއިރާތަކަކީ:
- ފަތުރުވެރިކަމުގެ ދާއިރާ
- ކުޅިވަރު
- ސިއްހީ ދާއިރާ
- ދެ ގައުމުގެ ގުޅުން ބަދަހިކުރުން އަދި ޑިޕްލޮމެޓިކް ތަމްރީނު ދިނުން
ރައީސްގެ މި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރުގެ ދައުވަތަކަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.