އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގެ ސީސީޓީވީ ކެމެރާ ފުޓެޖް ހޯދަން މަސައްކަތް ކުރުމުން، އެ ގޭގެ ކެމެރާތައް ހަލާކުވެފައިވާ ކަމަށް އެ ގެއިން މައުލޫމާތު ދިން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނެވެ. އޭގެ ކުރީރޭ ޔުމްނު އުޅުނީ ހަތް މީހަކު ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
ޔުމްނުއާއެކު، 17 ވަނަ ދުވަހުގެ ދަންވަރު އެ މީހުން ފުރަތަމަ 'ޕާޓީކުރަން' ތިބީ އަމީންގެ އާއިލާ ގެ ކަމަށްވާ މ. މާންދޫގެދެކުނުގޭގައެވެ. އެއަށްފަހު ޔުމްނުއާއި ތިން މީހަކު ދިޔައީ ހ. ކަށިވެލިގެއަށެވެ. އެ ގެއިން ނުކުމެގެން ޔުމްނުއާއި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ދިޔައީ ހ. ފެންޓެނޯއީ ގެއަށެވެ.
ޔުމްނު ވެއްޓިފައި ވަނީ ފެންޓެނޯއީ ގެއިންނެވެ.
އެ މައްސަލައިގައި ޝާމިލުވާ މީހުންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ.
އެ މީހުން ތިބި މާންދޫގެދެކުނުގެއަކީ އަމީންގެ އާއިލީ ގެއަށް ވުމުގެ އިތުރުން، މި މައްސަލައިގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހުން ޝާމިލް ވެއެވެ. އެހެންވެ މި މައްސަލައަށް އަމީން ނުފޫޒު ފޯރުވާކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.
މިރޭ ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓެޖް ފުލުހުންގެ ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ. އަދި އެގެއިން ބުނެފައިވަނީ ސީސީޓީވީ ހަލާކުވެފައިވާ ކަމަށާއި، އެކަން ޔަގީންކުރުމަށް ކުރި މަސައްކަތުން، ފުޓެޖް ނެތްކަން ކަށަވަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން އަމީން ވިދާޅުވެފައިވަނީ މާންދޫގެދެކުނުގެއަކީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފައި ތިން މީހެއްގެ ގެއެއް ކަމަށާއި އެ ގޭގައި ކަމެއް ހިނގިކަން ވެސް އެނގުނީ 18 ވަނަ ދުވަހުގެ ހަވީރު ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި ތަންފީޒީ އެއްވެސް އިދާރާއަކަށް، ނުވަތަ ސަރުކާރުގެ އެހެން އިސް ފަރާތަކަށް ގުޅައި، ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން ގުޅާފައިނުވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
ޔުމްނުގެ މައްސަލައިގައި ފުލުހުން ތަހުގީގު ހިންގާ ގޮތާއި ހިއްސާ ކުރާ މައުލޫމާތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
އެ މައްސަލައިގައި ހިމެނޭ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، ނުވަ މީހެއްގެ ފޯނު ހޯދައިފައިވާއިރު، މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ ފަހުން ޔުމްނުއާއެކު އުޅުނު ރައުދެވެ. އޭނާގެ ބަންދަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނާ ގޮތުގައި ޔުމްނު ވެއްޓުނީ އަމިއްލައަށެވެ. ނަމަވެސް ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައިވެއެވެ.