ޓައިޓޭނިކްގައި ގެންގުޅުނު ވަޔޮލިން ބައި ލައްކަ ޑޮލަރަށް

މަޝްހޫރު ހޮލީވުޑް ހިޓް ފިލްމު ކަމަށްވާ "ޓައިޓޭނިކް"ގެ މަޝްހޫރު ވަޔޮލިން ސީންގައި ބޭނުންކުރި ވަޔޮލިން 54،000 އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ.

ޖޭމްސް ކެމެރަން 1997 ގައި ޑައިރެކްޓު ކުރި ޓައިޓޭނިކް އަކީ މިހާތަނަށް ނެރުނު އެންމެ މަގުބޫލު ފިލްމުތަކުގައި ހިމެނޭ ފިލްމެކެވެ. މި ފިލްމުގެ އެންމެ މަގުބޫލު ސީންތަކުގެ ތެރޭގައި ބޯޓު އަޑިއަށް ދާ ސީން ހިމެނެއެވެ. އެ ސީންގައި ފެނިގެންދާ އެއް މަންޒަރަކީ މީހަކު ވަޔޮލިން ކުޅެން އުޅޭ ތަނެވެ.

މި ސީންގައި ވަޔޮލިން ކުޅެނީ އެކްޓަރު އަދި މިއުޒީޝަން ޖޮނަތަން އެވަން ޖޯންސްއެވެ. އޭނާގެ ވަޔޮލިން މި ސީންގައި ކުޅޭއިރު ފިލްމަށް ފަހު ޖޮނަތަން ވަނީ އޭނާގެ ގެއަށް ވަޔޮލިން އަނބުރާ ގެންގޮސްފައެވެ.

ނަމަވެސް ދާދިފަހުން އޭނާ މި ވަޔޮލިން ވިއްކާލާފައިވަނީ ނީލަމަށް ހުޅުވާލައިގެންނެވެ. އެގޮތުން ނީލަމަށް ވަޔޮލިން ލުމާއެކު މި ވިއްކާލާފައިވަނީ ޕްރައިވެޓް ކަލެކްޓަރަކަށެވެ.

މި ނީލަން ހިންގާފައިވަނީ މަޝްހޫރު ނީލަން ބްރޭންޑު ކަމަށްވާ އެންރީ އޮލްޑްރިޖް އެންޑް ސަންސް އިންނެވެ. އެވަންސް ވަނީ 2013 ވަނަ އަހަރުގައި މި ވަޔޮލިން ވިއްކާލުމަށްފަހު އަލުން ގަނެފައެވެ. އަނެއްކާވެސް އޭނާ ވަނީ މި ވަޔޮލިން ވިއްކާލާފައެވެ.

އަލަށް ބޭއްވި ނީލަން އިވެންޓުގައި އެވަންސްގެ ވަޔޮލިންގެ އިތުރުން ޓައިޓޭނިކްގެ އަސްލު އުޅަނދުގައި ހިމެނޭ ބައެއް ކަހަލަ ތަކެތި ވިއްކާލާފައިވެއެވެ. އޭގެތެރޭގައި ޓައިޓޭނިކް ހާދިސާގައި ސަލާމަތްވި މީހަކު ލިޔުނު ސިޓީއެއް ހިމެނެއެވެ. މި ސިޓީ އާއި އެނޫންވެސް ހުރިހާ އެއްޗެއް ހިމަނައިގެން ޖުމްލަ 300،000 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވަނީ ހޯދާފައެވެ.

comment ކޮމެންޓް