ހޮލިވުޑްގެ ތަރި ޓޮމް ކްރޫޒް ލީޑުން ފެނިގެންދާ މިޝަން އިމްޕޮސިބަލް ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު "މިޝަން: އިމްޕޮސިބަލް - ދަ ފައިނަލް ރެކޮނިން" އަންނަ މަހު ސިނަމާއަށް ނެރުމަށް ތައްޔާރުވެއްޖެއެވެ.
ޕެރަމައުންޓް ޕިކްޗާސްއިން މިހާރު ނެރުމަށް ތައްޔާރުވާ މި ފްރެންޗައިޒް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަޅުވަން ފަށާނީ އެކި ދުވަސްތަކުގައެވެ. އެގޮތުން މި ފިލްމު އެންމެ ފުރަތަމަ ފެންނާނީ މިފަހަރު އިންޑިއާގައެވެ.
ޕެރަމައުންޓް ޕިކްޗާސް އިން މި ފިލްމު އިންޑިއާގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17ގައެވެ. އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުގައެވެ.
ފިލްމު އިންޑިއާގައި ދައްކާނީ އިނގިރޭސި، ހިންދީ، ޓެމިލް އަދި ތެލުގޫ ބަހުންނެވެ. މި ހަބަރާ ގުޅިގެން ބައެއް ފޭނުން ވަނީ ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައިވެސް 17 މެއިގައި ފިލްމު ދެއްކުމަށް އެދިފައެވެ. ނަމަވެސް އެކަމަށް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.
"މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" ޑައިރެކްޓްކުރީ މި ސީރީޒްގެ އެންމެ ފަހުގެ ތިން ފިލްމު ވެސް ޑައިރެކްޓްކުރި ކްރިސްޓޮފާ މެކްއަރީ އެވެ. އޭނަ 2023 ގައި ގެނެސްދިން "މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން" އަކީ ބޮކްސް އޮފީހުގައި 570.6 މިލިއަން ޑޮލަރުުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ގެނެސްދިނީ 219 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" ގެ ކާސްޓްގައި ވަނެސާ ކާބީ، ސައިމަން ޕެގް، ހޭލީ އެޓްވެލް، ވިންގް ރޭމްސް، ހެންރީ ޒެމީ އަދި އެންޖެލާ ބެސޭ ހިމެނެ އެވެ.
ހޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "މިޝަން އިމްޕޮސިބަލް"ގެ ފުރަތަމަ ފިލްމެއް ނެރެފައިވަނީ 1996 ގައެވެ.