ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް 2007 އިން ފެށިގެން އުފަންވާ ޖީލަށް ދުންފަތް މަނާކުރާއިރު އުމުރު ޔަގީންނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކޭނީ ގާނޫނީ ލިޔުމަކުން އުމުރު ޔަގީންކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އިސްލާހުގައި ހިމަނައިފިއެވެ.
ދުންފަތުގެ ބާވަތްތައް 2007 އިން ފެށިގެން އުފަންވި ޖީލަށް މަނާކުރަން ސަރުކާރުން ވަނީ މި މަހު 13 ގައި ރަސްމީކޮށް ނިންމައިފައެވެ.
އެކަން ގާނޫނުގައި ހިމަނަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިއަދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.
އެ އިސްލާހުގައި ބުނެފައިވަނީ، ދުންފަތުގެ ބާވަތެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ އޮންލައިންކޮށްނާއި ޕޯސްޓް މެދުވެރިކޮށް ވެސް ވިއްކައިގެން ނުވާނެ ކަމަށެވެ.
އެހެންވެ، އިސްލާހުގައި ވާގޮތުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި ޖަނަވަރީ 1، 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. އަދި، ދުންފަތުގެ ބާވަތެއް ގަންނަ މީހެއްގެ އުމުރު ޔަގީންނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ނޫން ވެސް އުމުރު އަންގައިދޭ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަން ވެސް ގާނޫނުން ވަނީ މަޖުބޫރުކޮށްފައެވެ.
މި އިސްލާހާ އެކު ދުންފަތް އުފައްދަން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ.
ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ވެސް ރާއްޖޭގައި މިހާރު މަނާކޮށްފައިވާއިރު، އެ ފަދަ އާލާތެއް ބޭނުންކުރަނިކޮށްނާއި ގެންގުޅެނިކޮށް ފެނުނަސް އެ އާލާތެއް އަތުލުމުގެ ބާރު ފުލުހުންނަށް މި ގާނޫނުން ލިބޭނެއެވެ.
މި އިސްލާހާ އެކު ދުންފަތް ދެން ވިއްކޭނީ ވެސް މި ގާނޫނުގެ ދަށުން ރަސްޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އެ ގޮތުން، ހެލްތު މިނިސްޓްރީން މިހާރު ވަނީ ހަތަރު ވައްތަރެއްގެ ލައިސަންސް ނަގަން އެޕްލިކޭޝަން ހުށަހަޅަން ހުޅުވައިލާފައެވެ. އެއީ:
- ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް އިންޕޯޓުކުރުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރުމުގެ ލައިސަންސް
- ދުންފަތުގެ އާ ބާވަތެއް ރެޖިސްޓްރީކުރުން
ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކުމަށް ދޫކުރާ ލައިސަންސާއި އެ ބާވަތުގެ ލައިސަންސް އާކުރަން 5،000 ރުފިޔާ ދައްކަން ޖެހެއެވެ. އިތުރު ލައިސަންސްތަކަށް ދައްކަން ޖެހެނީ 10،000 ރުފިޔާއެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް މި ބިލު މިއަދު މަޖިލީހަށް ހުށަހެޅުއްވިއިރު ބިލު ތަޅުމުން ފާސްކުރުމުން ބިލަށް އަމަލުކުރަން ފަށާނީ މި އަހަރުގެ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަނީ ދުންފަތުން ޒުވާން ޖީލުތައް ސަލާމަތްކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން، މިދިޔަ އޮކްޓޫބަރު 31 ގައި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ވަރަށް ބޮޑަށް ބޮޑުކުރުމާ އެކު ކުރިން 110- 105 ރުފިޔާއާއި ދެމެދުގައި އުޅުނު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 235 - 245 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ އެކު 'ވަގަށް' އެތެރެކުރާ ސިނގިރޭޓުގެ މައްސަލަ ވެސް ވަނީ އިތުރުވެފައެވެ. މި ފަހުން ވެސް ވަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.