ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނާއި މާކެޓުތައް އިތުރުކުރަން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

އެމްއެމްޕީއާރްސީން އެމިރޭޓްސްއާއެކު ފަތުރުވެރިކަން ކުރިއެރުވުމަށް ވި އެއްބަސްވުމުގެ ތެރެއިން: ޓޫރިޒަމް މިނިސްޓަރު ތޯރިގު ވެސް ވަނީ ބައިވެރިވެވަޑައިގެންފައި -- ފޮޓޯ/ އެމިރޭޓްސް

'އަރަބިއަން ޓްރެވަލް މާކެޓް 2025' (އޭޓީއެމް 2025)ގެ ހަވާސާގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާކަމަށްވާ އޭޓީއެމް މިއަހަރު ފަށާފައި ވަނީ އިއްޔެ ހެނދުނު ދުބާއީގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ. ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ގޮތުން އެމްއެމްޕީއާރްސީ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން މި ފެއާގައި ބައިވެރިވެފައިވާއިރު ރާއްޖެއިން 110 ސްޓޯލް ވަނީ ބަހައްޓައިފައެވެ.

އޭޓީއެމްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެގޮތުން އިއްޔެ ވަނީ ދެ އެއްބަސްވުމެއްގައި އެމިރޭޓްސް އަދި ގަތަރު އެއާވޭސްއާ އެކު ސޮއިކޮށްފައެވެ.

އެމްއެމްޕީއާރްސީން ގަތަރު އެއާވޭސްއާއެކު ފަތުރުވެރިކަން ކުރިއެރުވުމަށް ވި އެއްބަސްވުމުގެ ތެރެއިން: ޓޫރިޒަމް މިނިސްޓަރު ތޯރިގު ވެސް ވަނީ ބައިވެރިވެވަޑައިގެންފައި -- ފޮޓޯ/ ގަތަރު އެއާވޭސް

އެމިރޭޓްސްއާއި އެމްއެމްޕީއާރްސީ ގުޅިގެން ސޮއިކޮށްފައިވަނީ އެ އެއާލައިންގެ ގްލޯބަލް ނެޓްވޯކް މެދުވެރިކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމަށެވެ. މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ދަށުން އެމިރޭޓްސްއިން ދުނިޔޭގެ ނެޓްވޯކްގެ މުހިންމު މާކެޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް އެމިރޭޓްސްއިން ބުންޏެވެ.

މީގެ އިތުރުން, ޖޮއިންޓް އެޑްވަޓައިޒިން ކެމްޕެއިންތަކާއި، ފެމިލިއަލައިޒޭޝަން ޓްރިޕްތަކާއި، ކަސްޓަމައިޒްޑް ޓްރެވަލް ޕެކޭޖްތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތައް ބައިވެރިކުރާނެއެވެ. އަދި، ކާގޯ ހޭންޑްލިންގެ ގާބިލުކަން މެދުވެރިކޮށް ރާއްޖޭގައި ވިޔަފާރީގެ ފުރުސަތުތައް ތަރައްގީކުރުމަށް ވެސް އެ އެއާލައިނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމިރޭޓްސްއިން ބުންޏެވެ.

އިއްޔެ ދެވަނަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ގަތަރު އެއާވޭސްއާ އެކުއެވެ.

މި އެއްބަސްވުމަކީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ގަތަރުގެ ދޯހާ ހަބް، ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ޓޫރިސްޓުން ގެނައުން އިތުރުކުރުމަށާއި، މުހިންމު މާކެޓްތައް މެދުވެރިކޮށް ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އާ ފުރުސަތުތައް ހޯދުމަށް ވެފައިވާ އެއްބަސްވުމެކެވެ.

މިނިސްޓަރު ތޯރިގު ވަނީ ގަތަރުގެ ޓޫރިޒަމްގެ ޗެއާމަން ސާދު އަލް ޚަރްޖީއާ ވެސް ބައްދަލުކުރައްވައިފައެވެ.

ހަމައެއާއެކު ރިސޯޓް ލައިފްއާ އެކު ވެސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ކޯޕަރެޝަނާއި ރިސޯޓް ލައިފް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާއި، "ރާއްޖެ" ބްރޭންޑް އިތުރަށް ހަރުދަނާކުރުމާއި، ވަކިން ޚާއްސަކޮށް ރަޝިއާ އަދި ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް) މާކެޓުގައި މަސައްކަތް ކުރުމެވެ.

އެމްއެމްޕީއާރްސީން ބުނީ، ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީތަކާއި، ކެމްޕެއިންތަކުގެ އިތުރުން ޓެކްޓިކްސް ކޮންސެޕްޓްކޮށް އެކުލަވާލުމުގައި ރިސޯޓް ލައިފް ޓްރެވަލްއިން އެހީތެރިކަން ފޯރުކޮށްދީ އެޑްވައިޒަރީ ރޯލެއް ފޯރުކޮށްދޭނެ ކަމަށެވެ. އަދި، މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރަން ދެ ފަރާތުން ވެސް ބާއްވާ ހަރަކާތްތަކުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި އެއްބަސްވުންތަކުގެ އިތުރުން މިނިސްޓަރު ތޯރިގު ވަނީ އެއާ އަރަބިއްޔާގެ ޓީމާ ވެސް އިއްޔެ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، ފްލައިޓް ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކުރުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އޭޓީއެމް ހަވާސާގެ ތެރެއިން މިނިސްޓަރު ތޯރިގު ވަނީ އޮމާންގެ ހެރިޓޭޖް އެންޑް ޓުއަރިޒަމް މިނިސްޓަރު ސަލީމް ބިން މުހައްމަދު އަލް މަހްރޫގީއާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނެވެ.

މީގެ އިތުރުން ޝަންގްރިއްލާ ރިސޯޓު ތަރައްގީކުރުމާ ބެހޭ ގޮތުން މިނިސްޓަރު ތޯރިގު ވަނީ ޝަންގްރިއްލާގެ ވީޕީ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ސެމިއުލް ލިމް ޔޮންގް ޕެންގްއާ އެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

comment ކޮމެންޓް