ދަރާފައި ހުރި ކުންފުނިތަކަށް މަޝްރޫއުތައް ނުދޭން އަންގައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސަރުކާރަށް ދަރާފައި ހުރި ކުންފުނިތަކަށް ބޮޑެތި މަޝްރޫއުތައް ނުދޭން އަންގަން މަޖިލީހުން ވަނީ ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެކިއެކި ކުންފުނިތަކުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި އޮތް 1.2 ބިލިއަން ރުފިޔާ ހޯދަން ކުރާ މަސައްކަތުގެ ތެރެއިން ދައުލަތަށް ދަރާފައިވާ ކުންފުނިތަކަށް ބޮޑެތި މަޝްރޫއުތައް ނުދޭން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކުލީގެ ގޮތުގައި އެޗްޑީސީއަށް 1.2 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ.

މި މައްސަލައިގައި މާލިއްޔަތު ކޮމިޓީން ދިރާސާކުރި ރިޕޯޓުގައި ވާގޮތުން އޭގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ މުއައްސަސާތަކުން އެޗްޑީސީއަށް ދޭންޖެހޭ 54.5 މިލިއަން ރުފިޔާއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭންޖެހޭ 200.5 މިލިއަން ރުފިޔާ އަދި އަމިއްލަ ފަރާތްތަކުން ދޭންޖެހޭ 1.2 ބިލިއަން ރުފިޔާއެވެ. އެއީ، ޖުމުލަ 1.4 ބިލިއަން ރުފިޔާއެވެ.

އެ ރިޕޯޓުގައި ވާގޮތުން އެޗްޑީސީން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުގެ ތެރެއިން 188 ތަނެއްގެ އެއްބަސްވުން ވަނީ ބާތިލު ވެސް ކޮށްފައެވެ. އެޗްޑީސީން ކުރި މަސައްކަތުން މިދިޔަ އަހަރު އެ ފައިސާގެ ތެރެއިން 221.8 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. އެހެންވެ، މިހާރު ނުލިބި އޮތީ 1.2 ބިލިއަން ރުފިޔާއެވެ.

https://sun.mv/199496

އެހެންވެ، މިހާރު އެޗްޑީސީއަށް ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާ ހޯދަން މާލިއްޔަތު ކޮމިޓީން ވަނީ ހަތް ކަމެއް ކުރަން ހުށަހަޅައިފައެވެ. މި މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ވޯޓަށް އަހައިފައެވެ.

އެ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުން ވަނީ ތަޅުމުން ފާސްކޮށްފައެވެ.

އެޗްޑީސީއަށް ނުލިބި ހުރި ފައިސާ ހޯދަން ކުރަން ތަޅުމުން ފާސްކުރި ކަންކަން:

  • ފައިސާ ހޯދޭނެ ޕްލޭނެއް އެކުލަވައިލައި، 30 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހަޅަން އެންގުން
  • ކުލި ނުދައްކާ ކުންފުނިތަކުގެ އެސެޓްތަކުގެ އެސްޓިމޭޓެޑް މާކެޓް އަގުތައް ހޯދައި، އެޗްޑީސީއަށް ހިފެހެއްޓޭ އެސެޓްތައް ހިފަހައްޓައި، އެ ފައިސާ ހޯދަން އެންގުން
  • ކުލި ނުދައްކާ ފަރާތްތަކަށް އިތުރު މުއްދަތު ދިނުމާއި މާފުކުރުމާ ގުޅޭ އުސޫލު އެކުލަވާލައި، އެ އުސޫލު 30 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހަޅަން އެންގުން
  • ބިޑަކަށް ކުރިމަތިލާ ފަރާތަކީ އެޗްޑީސީއަށް ފައިސާއެއް ދައްކަންޖެހޭ ކުންފުންޏެއްތޯ ބަލާފައި ނޫނީ އިތުރު މަޝްރޫއެއް ހަވާލުނުކުރަން އެންގުން
  • ސަރުކާރުން ބިޔަ މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކަކީ ސަރުކާރަށް ދަރާފައިވާ ކުންފުންޏެއްތޯ ކަށަވަރުކޮށްފައި ނޫނީ މަޝްރޫއުތައް ހަވާލުނުކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުން
  • ސަރުކާރުން ލިބެންޖެހޭ ފައިސާއާއި ސަރުކާރުން ދޭންޖެހޭ ފައިސާ އޮފްސެޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުން
  • ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެ މަތިން ސީއެސްއާރުގެ ކަންކަން ކުރިއަށް ގެންދަން އެޗްޑީސީއަށް ލަފާ ދިނުން

ސަރުކާރަށް ނުލިބި ހުރި އެތައް ބިލިއަން ރުފިޔާއެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

https://sun.mv/203410

ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، މާލީ ދަތިކަން ކުރިމަތިވެފައިވާތީ އެކިއެކި ކުންފުނިތަކުންނާއި މީހުން ބޮޑެތި އަދަދުތަކުން ދައުލަތަށް ދައްކަން ޖެހިފައި ހުރި ނަމަ އެ ފައިސާތައް އަނބުރާ ހޯއްދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް ވެސް ނުދެވި އެބައޮތެވެ. ރައީސް މީގެ ކުރިން ވަނީ ރޯދަމަހުގެ ކުރިން އެ ފައިސާ ދައްކައި ނިންމަން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު، އެ ފައިސާ މިހާތަނަށް ދައްކާ ނިންމާފައެއް ނުވެއެވެ.

comment ކޮމެންޓް