ކާރަކާއި ސައިކަލެއް ޖެހި ތިނަދޫގައި އެކްސިޑެންޓެއް، އެކަކު ފަރުވާއަށް މާލެ ގެނެސްފި

އައިޖީއެމްއެޗް ކުރިމަތި: ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް އަންނަނީ ފަރުވާ ދެމުން -- ފޮޓޯ/ މާނިއު މުހައްމަދު

ތިނަދޫ ސިޓީގައި ސައިކަލަކާއި ކާރެއް ޖެހި މިދިޔަ މަހު 27ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ 15:47ހާއިރެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަންއިން 31 އަހަރުގެ އަންހެނަކަށެވެ. އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ތިނަދޫ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެމަޖެންސީގައި ހަމަ އެރޭ މާލެ ގެނައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އަންހެން މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި، އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް، ސުވާލުކޮށްފައިވާ ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގައި ވެސް ދޭތެރެއަކުން އެކްސިޑެންޓުތައް ހިނގައެވެ. އެގޮތުން، މިފަހުން ވެސް ވަނީ، މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، މ. ކޮޅުފުށީ ޒަހީރާމަންޒިލް، އުމުރުން 41 އަހަރުގެ ނާޝާދު ވަލީދު މުޙައްމަދެވެ.

comment ކޮމެންޓް