ޕާކިސްތާނުގެ އެއްވެސް ކޮންޓެންޓެއް އިންޑިއާގައި ދެއްކުން މަނާކޮށްފި

ޕާކިސްތާނުގެ އެއްވެސް އުފެއްދުމެއް އެއްވެސް ޕްލެޓްފޯމެއްގައި ދެއްކުން އިންޑިއާ ސަރުކާރުން ވަނީ މަނާކޮށްފައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޕާކިސްތާނުގެ ވެބް ސީރީސް ތަކާއި ފިލްމުތައް އަދި އެ ނޫން އެހެން ވެސް ކޮންޓެންޓެއް އިންޑިއާގެ ސްޓްރީމިންގް ޕްލެޓްފޯމްތަކުގައި ދެއްކުން އިންޑިއާގެ ސަރުކާރުން މަނާކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގްއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ ފިލްމުތަކާއި، ސިލްސިލާ ޑްރާމާ ސީރީސްތަކާއި، ވެބް ސީރީސް ތަކާއި، ލަވަތައް އަދި ޕޮޑްކާސްޓް ޝޯތައް ވެސް އެފަދަ ހުރިހާ ކޮންޓެންޓްތައް އިންޑިއާގެ އެއްވެސް ޕްލެޓްފޯމެއް މެދުވެރިކޮށް ދެއްކުން މަނާކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ އެޑްވައިޒަރީ ބޯޑުން ނިންމި މި ނިންމުމަކީ، ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ޤައުމީ ސަލާމަތަށްޓަކައި ނިންމި ނިންމުމެއް ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގްއިން ވަނީ ބުނެފައެވެ.

ޕާކިސްތާނު ބަތަލާއިން ކަމަށްވާ ސަބާ ޤަމަރު،ސަޖަލް އަލީ، އަޔޭޒާ ޚާން އަދި މާހިރާ ޚާން--ފޮޓޯ/ފިލްމީބީޓް

އެހެންކަމުން ޕާކިސްތާނުގެ ކޮންޓެންޓްތަކަކީ ސަބްސްކްރިޕްޝަން އަސާސެއްގެ މައްޗަށް ނުވަތަ އެ ނޫން ގޮތަކަށް އާއްމުންނަށް ދެމުން އަންނަ ޚިދުމަތަކަށް ވިޔަސް ވަގުތުން އެ ޚިދުމަތެއް ހުއްޓާލުމަށް އިންފޮމޭޝަން މިނިސްޓްރީއިން ވަނީ އިރުޝާދުދީފައެވެ.

މި އިރުޝާދުގައި ހަވާލާދީފައި ވަނީ 2021 ވަނަ އަހަރުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އިންޓަމީޑިއަރީ ގައިޑްލައިންސް އެންޑް ޑިޖިޓަލް މީޑިއާ، އެތިކްސް ކޯޑް) ގަވާއިދުތަކަށެވެ.

އެގޮތުން މި އިރުޝާދުގައި އައިޓީ ގަވާއިދުތަކުގެ ބައެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޑިއާގެ އެއްބައިވަންތަކަމާއި، ސަލާމަތާއި، ދިފާޢާއި، ސިޔާދަތަށް ނުރައްކާވާފަދަ، ނުވަތަ ބޭރު ޤައުމުތަކާ އެކު އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުމަށް ނުވަތަ ޢާންމު މަޞްލަޙަތަށް ނުރައްކާވާފަދަ އެއްވެސް މަޢުލޫމާތެއް ހޯސްޓްކޮށް، ދައްކައި، އަޕްލޯޑްކޮށް، ބަދަލުކޮށް، ޝާއިޢުކޮށް، ފޮނުވައި، ރައްކާކޮށް، އަޕްޑޭޓްކޮށް ނުވަތަ ޙިއްޞާކޮށްގެން ނުވާނެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްގައި ހަރަކާތްތެރިވި އިންޑިއާގެ ފަތުރުވެރިން ތަކަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި 26 މީހަކު މަރުވުމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ދެ ޤައުމުގެ މެދުގައި އަލުން ނުތަނަވަސްކަން އުފެދި ސިލްސިލާ ހަމަލާތަކެއް ފެށިފައިވާއިރު އިންޑިއާއިން ވަނީ ޕާކިސްތާނާ ދެކޮޅަށް 'އޮޕަރޭޝަން ސިންދޫރު'ގެ ނަމުގައި އަސްކަރީ ހަރަކާތްތަކެއް ފަށާފައެވެ.

މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އިންޑިއާއިން ޕާކިސްތާނަށް ހަމަލާތަކެއް ދޭން ފަށާފައިވާއިރު ޕާކިސްތާނުގެ ފިލްމީ ތަރިން ވަނީ މި ހަމަލާތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި އަޑު އުފުލާފައެވެ.

comment ކޮމެންޓް