އިންޑިއާގެ މަޝްހޫރު ބަތަލާ އަދި މިހާރު ސިޔާސީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކަންގަނާ ރަނާވަތު ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާންޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ކަންގަނާ ސޮއިކޮށްފައި ވަނީ، ސައިކޮލޮޖިކަލް ހޮރޯ ތުރިލާއަކަށެވެ.
އިންޑިއާގެ ދަރިކޮޅުގެ މީހެއް ކަމަށްވާ އެމެރިކާގެ ޑައިރެކްޓަރު އަނޫރާގު ރުދުރާގެ މި ފިލްމުގެ ނަމަކީ "ބްލެސްޑް ބީ ދި އީވިލް"އެވެ. ކަންގަނާގެ އަލަތު ހޮލީވުޑް ޕްރޮޖެކްޓުން ބަތަލާއާ އެކު ފެންނާނެ ހޮލީވުޑް ތަރިންގެތެރޭ ޓައިލާ ޕޯސީ އަދި ސްކާލެޓް ރޯސް ސްޓެލޯން ހިމެނެއެވެ. ޓައިލާ ޕޯސީ އަކީ މަގުބޫލު "ޓީން ވުލްފް" ސީރީސްގެ މުހިއްމު ރޯލް ކުޅެފައިވާ ބަތަލާއެވެ.

ބަތަލާ ކަންގަނާ ރަނާވަތު އިންޑިއާގެ މަޖިލިސްކުރާ ގޭގައި--ފޮޓޯ/ފިލްމުފެއަ
ކަންގަނާ ހޮލީވުޑްގެ ފިލްމަކަށް ސޮއިކުރި ޚަބަރާ އެކު ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ކަންގަނާއަށް މަރުހަބާ ކިޔާފައެވެ.
އެއްބަޔަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މިއީ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ އެކު މަސައްކަތް ކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށާއި ދެ ތަރިން އެކީގައި ހޮލީވުޑް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށެވެ. ޕްރިޔަންކާ ޗޯޕްޅާ އަކީ މިހާރުވެސް ހޮލީވުޑްގެ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ.
އަނޫރާގު ރުދްރާގެ އަމިއްލަ ސްކްރީންޕްލޭ އަކަށް އުފައްދާ މި ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު އެމެރިކާގެ ނިއުޔޯކްގައި ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެރައިޓީގައި ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓް މި އަހަރުގެ ކާންސް ފިލްމު މާކެޓުގައި ތައާރަފް ކުރުމަށް ނިންމާފައި މި ފިލްމާ ގުޅޭ ވިޔަފާރީގެ މަޝްވަރާތައް ބައިނަލް އަޤްވާމީ ވިޔަފާރިވެރިންނާ އެކު ކުރުމަށް ވަނީ ރޭވިފައެވެ.
ކަންގަނާ ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފައި މި ވަނީ އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ބަތަލާ އެތައްފަހަރެއްގެ މަތިން ބުނެފައި ވަނިކޮށެވެ. ކަންގަނާގެ އެންމެފަހުން ރިލީޒްވި ފިލްމަކީ ބަތަލާ ލީޑް ރޯލް ކުޅެ އަމިއްލައަށް ޑައިރެކްޓްކުރި ސިޔާސީ ފިލްމު "އިމަޖެންސީ"އެވެ.