ޒަމާން ފަސްވެއްޖެއެވެ. ޤިޔާމަތް ގާތްވެއްޖެއެވެ. އެކަމަކު އަދި ލަހެއްނުވެއެވެ.

ޒަމާން ފަސްވެއްޖެއެވެ. ޤިޔާމަތް ގާތްވެއްޖެއެވެ. މީސްތަކުން މި ތިބީ އިންސާފުގެއްލި ޢަދުލުގެ ނިޔާއަށް ފެންބޮވައިގެންފައެވެ. ޙިމާޔަތާއި ރައްކާތެރިކަމުގެ އިންތިޒާރީގައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ޤިޔާމަތުގެ ކުދި އަލާމާތްތައް ތަކުރާރުވާ މަންޒަރުތަކެވެ. ބޮޑެތި ޢަލާމާތްތައް ވެސް ކޮންމެސް ވަރަކަށް ފެނިއްޖެ ކަމަށް ދަންނަބޭކަލުން އެބަ ބުނުއްވައެވެ. މިހާ ހިސާބަށް އާދެވުނީމާ، ތިމަތިމާމެންގެ އަމިއްލަ ހާލައިގެން ނަޖާތު ހޯދަން ކުރެވެން އޮތީ ކޮންކޮން ކަންތައްތަކެއްތޯ ބަލައި އެ ކަންކަމައިގެން އަވަސްވެގަންނާން ވެއްޖެއެވެ.

މިހާރު މީހުން މި ތިބީ މަހުދީގެފާނުގެ އިންތިޒާރުގައެވެ. ދައްޖާލުގެ ޒަމާން ފެށެނީ ކަމަށް ބަލައިގެންނެވެ. ޢީސާގެފާނުގެ އިންތިޒާރުގައެވެ. މުސްލިމުންނާއި ނަޞާރާއިން ވެސް ތިބީ ޢީސާގެފާނު ވަޑައިގަންނަވާނޭ ދުވަހަކަށް ބަލަބަލައެވެ. މި ކަމުގައި އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއަކީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަންނަވާނެކަން ޤަބޫލުކުރުމެވެ. އެކަލޭގެފާނު ވަނީ އުޑަށް އުފުއްލަވައިފައިކަން ޤަބޫލުކުރުމެވެ. ޠަބީޢީ ހާލަތުގައި އަވަހާރަވުމަށް އަލުން ދުނިޔެއަށް ފޮނުއްވާނޭ ކަން ޔަޤީންކުރުމެވެ.

ޢީސާގެފާނު ދުނިޔެއަށް ވަޑައިގަންނަވާނީ މަހުދީގެފާނު ފައުޅުކުރެއްވުމަށް ފަހުއެވެ. ދައްޖާލުގެ ފިތުނަ މީސްތަކުންގެ ތެރޭ ފެތުރިފައިވަނިކޮށެވެ. އިލާހެއް ކަމަށް ކުރާ ދައުވާއިން އޭނާ މިސްތަކުން މަގުފުރައްދަމުން ދަނިކޮށެވެ. ޢީސާގެފާނު ދައްޖާލާ ހަނގުރާމަކޮށް އޭނާ ޤަތުލުކުރާނެއެވެ. އެއަށްފަހު ޢަދުލުވެރި ވެރިކަމެއް މުޅި ދުނިޔޭގައި ހިނގަވާނެއެވެ.

ދައްޖާލުގެ ފިތުނައަށް ފަހު ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުންގެ ފިތުނައަކީ ވެސް ޢީސާގެފާނު އުޅުއްވާ ޒަމާނުގައި ފައުޅުވާނޭ ފިތުނައެކެވެ. އެބައިމީހުން ބަލިވެ ނެތި ފަނާވެދާނީ ﷲ އެ މީހުންގެ ހަށިގަނޑުގައި ލައްވާ ބައްޔެއްގެ ސަބަބުންނެވެ. ކަނދުރާގައި ނަގާ މުލިއްސެކެވެ. ފިތުނަވެރި ފަސާދަވެރި ޖައްބާރު ފަރާތްތައް ނެތިކުރައްވަން ﷲ އިރާދަކުރައްވަނީ ގަދަބާރަކުން ނޫނެވެ. ކުދިކުދި މުޞީބާތްތަކުންނެވެ.

މި ހުރިހާ ކަމެއް ކުރިމަތިވުމުގެ ޒަމާނާ ގާތްވަމުން އަންނައިރު އަޅުގަނޑުމެން މިއަދު ކުރާންވީ ކޮންކަމެއްބާއެވެ؟ މި ކަންކަން މި މަގުން ހިނގާނޭކަން ޤަބޫލުކުރެވުމާއި ނުކުރެވުން މިއީ އަޅުގަނޑުމެންގެ އީމާންކަން އިމްތިޙާނުވެވޭ ފުރަތަމަ ޓެސްޓެވެ. އެއަށް ފަހު ދެން އޮތީ، އެ ފިތުނަޔާ ހަނގުރާމަކުރުމެވެ. އެހައި ހިތްވަރު ނެތިއްޔާ ދުރުގައި ތިބުމެވެ. ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމެވެ. އިތުރު ދަތުރަކަށް ރައްކައުތެރިވެ ހިމޭނުން ތިބުމެވެ.

މިއަދު އަޅުގަނޑުމެންގެ ޒަމާން ނިމެނީއެވެ. މާދަމާގެ ޅަޖީލު މިހާރު މި އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. އެ މީހުން ބައްޓަން ކުރާނީ އަޅުގަނޑުމެންނެވެ. ކުރިމަތީ އޮތް ބޮޑުވެގެންވާ ފިތުނައާއި އޭގެ ނުރައްކާތެރިކަން ބުނެދޭންވީ މިއަދުއެވެ. އެ ކުދިން ބޮޑުވުމުގެ ކުރީންނެވެ. މި ޢަޤީދާއާއި މި ފަލްސަފާގެ ޠާހިރު އޮށް އެ ކުދިންގެ ހިތްތަކުގައި އިންދައި ނުދެވެންޏާ އެހެން މުޑުވަކެއްގެ ކުރި އެ ހިތްތަކުގައި ފަޅައިފާނެއެވެ.

ފަހުޒަމާނުގެ ފިތުނައިން ސަލާމަތްވުމަށް ހެޔޮ ޢަމަލު ގިނަކުރަންވީއެވެ. ކުޑަކަމެކޭ ހީކޮށް އެއްވެސް ހެޔޮ ޢަމަލެއް ދޫކޮށް ނުލާންވީއެވެ. މީހަކަށް އެއްޗެއް ދިނުން، ރިވެތި ބަހުން މުޢާމަލާތްކުރުން، އަނެކާގެ ކުރިމަތީ ހިނިތުންވުން، މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަންކަމެވެ. މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީ ހުންނަ ތަކެތި ދުރުކޮށްދިނުން މަގުހިނގާ މީހުންނަށް އުނދަގޫ ވާނޭހެން މަގުގައި މަޑުކޮށްގެން ނުތިބުން، ދުވެލިބާރުކޮށް އަޑުގަދަކޮށް އުޅަނދުފަހަރު ނުދުއްވުން ވެސް ހިމެނޭނީ ހެޔޮ ޢަމަލުގެތެރެއިންނެވެ.

ވަގުތު މިހާރު މާތް ގާތްވެ ނިމެނީއޭ ބުނެ، ލަސްވެއްޖެ ކަމަށް ބަލައި އެއްވެސް ހެޔޮ ޢަމަލެއް ކުރުން ދޫކޮށް ނުލާށެވެ. އެއީ ޝައިޠާނާގެ މަކަރުވެރި ރޭވުންތަކުގެ ތެރޭ ހިނމެނޭ ނުރައްކާތެރި މަޅިތަކެވެ. އޭގެން ރައްކާތެރިވެ ތިބޭށެވެ. ޒަމާން ފަސްވެއްޖެއެވެ. ޤިޔާމަތް ގާތްވެއްޖެއެވެ. އެކަމަކު އަދި ލަހެއްނުވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ބައެއް އިރުޝާދުތަކުން މިކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ޤިޔާމަތުގެ ވަގުތު އައިސް ޖެހުނަސް، ހެޔޮކަމެއް ކުރެވެން އޮތިއްޔާ އެ ކަމެއް ކުރުމަށް ނަސޭހަތްތެރިވެ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. « إِنْ قَامَتِ السَّاعَةُ وَفِي يَدِ أَحَدِكُمْ فَسِيلَةٌ، فَإِنِ اسْتَطَاعَ أَنْ لاَ تَقُومَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا‏.‏»‏ ]أخرجه البخاري في ((الأدب المفرد)) (479)[ މާނައީ: "ޤިޔާމަތުގެ ވަގުތު އައިހިނދު، މީހެއްގެ އަތުގައި ގަހެއްގެ ކުރިކޮޅެއް އޮވެފައި އެ ކުރިކޮޅު ފަސްގަނޑުގައި އިނދުމުގެ ޤާބިލުކަން ލިބުނު މީހާ، ފަހެ، އެ ކުރިކޮޅު އިންދާ ހުށިކަމެވެ."

ޢަބަދުﷲ ބިން ސަލާމް ވިދާޅުވިކަމަށް ދާވޫދު އިބުނު އަބީ ދާވޫދު ވިދާޅުވިއެވެ. "ތިބާ ކުދި ކަދުރު ނިރުތައް (ބިމުގައި) އިންދަމުން ދަނިކޮށް ދައްޖާލު ފައުޅުވި ޚަބަރު ލިބުނު ކަމުގައި ވިޔަސް، މިހާރު މާ ލަސްވެއްޖެއޭ ހީނުކުރާށެވެ. އެ ގޮތީ ދައްޖާލަށްފަހު ވެސް ދިރިއުޅުން ކުރިޔައްދާނެއެވެ.

ޙަޔާތުގެފަހު ދުވަސްތައް ގުނަމުން އަންނަ މީހުންނާއި އެނޫން މީހުންނަށްވުރެ ކުރިން އަޅުގަނޑުގެ އަމިއްލަ ނަފުސަށް ވެސް ދޭން އޮތް އެންމެ މުހިންމު ނަޞޭޙަތަކީ "ތިބާ ކުޅަކަމަކުން ނޫނީ ތިބާގެ ނަތީޖާ ބަދަލެއް ނުވާނެއެވެ." ޖާނާއި މާލުން ވެސް ޤުރުބާން ދޭންވީ މާލާއި ޖާނުން ފައިދާ ނުކުރާ ދުވަހު ނަޖާތެއް ހޯދޭތޯއެވެ؟ އެ ދުވަހުގެ ބިރުވެރިކަމުން ރައްކާތެރިވުމުގެ ތައުފީޤު އަޅަމެން އެންމެންނަށް ދެއްވާނދޭވެ! އެ ދުވަހަށް ޓަކައި ގޮވާންކޮށް ހެޔޮ ޢަމަލުގެ މުޑުވައްތަށް އިންދުން އަވަސްކުރާ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ! آمين.

comment ކޮމެންޓް