އެގްރީމަންޓުތަކަށާއި ވަޢުދުތަކަށް ވަފާތެރިވާށެވެ!

އެގްރީމަންޓުތަކަކީ ވެސް ވަޢުދުތަކެކެވެ. އެތައް ވަޢުދުތަކެއްގެ ގޮތުގައި ހިމަނައިފައި ހުންނަ މާއްދާތަކެއްގެ މައްޗަށް އެކުލެވިގެންވާ އެއްބަސްވުންތަކެކެވެ. އެއީ ވިޔަފާރީގެ މުޢާމަލާތްތައް އަމާންކަމާ އެކު ދެފަރާތުގެ ރައްކާތެރިކަން ނުގެއްލޭހެން ދެމިއޮތުމަށް އިސްލާމީ ޝަރީޢަތުގެ ފާރާތުން މަތިކޮށްފައި ވާ ވާޖިބެކޭ ވެސް ބުނެވިދާނެއެވެ. ހާޒިރުވެ ތިބެ އަތުންއަތަށް މުދަލާއި ފައިސާ ބަދަލުކުރަމުން، ނުވަތަ ދެ ބާވަތެއްގެ މުދަލެއް ބަދަލުކޮށްގެން ކުރާ ވިޔަފާރިއެއް ނޫން ހުރިހާ މުޢާމަލާތެއް ލިޔުމަށްފަހު އެ ކަމުގެ މައްޗަށް ހެކިވެރިން ހެކިކުރަން ﷲ ވަނީ އަންގަވައިފައެވެ. ކީރިތި ޤުރުއާނުގެ އެންމެ ދިގު އާޔަތް ކަމުގައިވާ އަލްބަޤާރާ ސޫރަތުގެ 282ވަނަ އާޔަތުގައި އޮތީ މިކަމާ ބެހޭ ޙުކުމްތަކެވެ.

ފަހުން ފައިސާ ދޭގޮތަށް ބާއްވާ ކޮންމެ ބޭއްވުމެއް ލިޔެފައި ބޭއްވުމަށް އަންގަވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ﴾ (البقرة: ٢٨٢)‏ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ މުއްދަތަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ މުޢާމަލާތެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ!" ވަގުތުން ކުރާ ވިޔަފާރިތައް ނުލިޔުމަކީ މައްސަލައެއް އޮތް ކަމެއް ނޫންކަން ބަޔާންކުރައްވައި އެންގެވީ މިދަފައިންނެވެ. ﴿إِلَّا أَن تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا﴾ (البقرة: ٢٨٢)‏ މާނައީ: "ތިޔަބައިމީހުންގެ މެދުގައި، ވަގުތުން ހިންގާ ވިޔަފާރިއެއް ކަމުގައި ވުމުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެ ވިޔަފާރި ނުލިޔުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ." އެހެންކަމުން އަޅުގަނޑުމެން ގެދޮރުކުއްޔަށް ދިނުމުގައްޔާއި ދޭދޭ ދެ މީހުން އެކުވެގެން ހިންގާ ވިޔަފާރީގެ ޙަރަކާތްތަކުގައި ފައިސާ ބަދަލުކުރަން އެއްބަސްވާވުން އެއީ ފަހުން ދޭގޮތަށް ބަހައްޓާ ދަރަނިކަން ދަންނަންވާނެއެވެ. އަދި އެ ކަމަށް ވެވޭ އެއްބަސްވުން ލިޔުމާއި، ހެކިވެރިން ހެކިކުރުން އެއީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވިޔަފާރީގެ ވަރަށް ގިނަ މުޢާމަލާތުތައް ހިންގައެވެ. އެހެނަސް އެއްބަސްވުން ހަދަނީ މަދު ބައެކެވެ. އެއްބަސްވުން ހަދާ މީހުންގެ ތެރެއިން އަދި މާ މަދު މީހަކު ނޫނީ ވެވޭ އަހުދާއި ވަޢުދަށް ކަމޭނުހިތައެވެ. ކަމެއްގައި ބައިވެރިވާ ހިނދު، ނުވަތަ މުޢާމަލާތްތަކުގެ ކުރީކޮޅުގައި އަހުދަށް ވަފާތެރިވުމަށް މަސައްކަތްކުރާތީ ފެނެއެވެ. އެހެނަސް އެ ގޮތުގައި މާގިނަ ދުވަހު ނުތިބެވޭ ކަމާއި ދެފަރާތުންމެ އެއްބަސްވުމަށް ޚިޔާނާތްތެރިވާކަން މިއީ މިއަދު ވަރަށް ގިނަ ބަޔަކު ދައްކާ ހިތާމަވެރި ވާހަކައެކެވެ. އަހުދަށް ވަފާތެރިވާ ބަޔަކު ވެސް އުޅޭކަން މި ދަނޑިވަޅުގައި ފާހަގަކޮށްލާނަމެވެ. ކިތަންމެ މަދަސް އެއީ ވަރަށް ރަނގަޅު މީހުންނެވެ. އެއީ މާދަމާއެއް އޮތްކަން ޤަބޫލުކުރާ މީހުންނެވެ. އެއީ ޖަވާބުދޭން ޖެހޭ ސުވާލުތަކެއް އޮންނާނޭކަން ދަނެގެން އެ ކަމަށް ބިރުވެތިވެ ރައްކާތެރިވާ މީހުންނެވެ.

އެއްވެސް ޝައްކެއް ނެތްގޮތުގައި މީހަކު ބުނާ ބަހާއި އެއްބަސްވާ ގޮތުގެ މަތީ ދެމިތިބުމަކީ އިސްލާމުންގެ ކިބައިގައި ހުންނަންޖެހޭ އަޚުލާޤީ ރިވެތި ސިފައެކެވެ. އަހުދަށް ވަފާތެރިނުވުމާއި ޚިޔާނާތްތެރިކަމަކީ މުނާފިޤުންގެ ސިފައެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މުނާފިގުކަމުގެ ހަތަރު ސިފައެއް ވެއެވެ. އެ ހަތަރު ސިފަ މީހެއްގެ ކިބައިގައި ޖަމާވެއްޖެ މީހަކީ މުނާފިޤެކެވެ. އަދި މީގެން އެންމެ ސިފައެއް ވެސް މީހެއްގެ ކިބައިގައި ހުރިއްޔާ، އޭނާ އެ ކަމެއް ދޫކޮށްލަންދެން މުނާފިޤުކަމުގެ ސިފައެއް އޭނާގެ ކިބައިގައި ދެމިހުންނާނެއެވެ. (އެ ހަތަރު ސިފައަކީ) ވާހަކަދައްކަންޏާ ދޮގު ހެދުމެއެވެ. އަހުދެއްވެއްޖެއްޔާ އުވައިލުމެވެ. އަމާނާތެއް ހަވާލުކުރިއްޔާ ޚިޔާނާތްތެރިވުމެވެ. އަދި ޚިޔާލުތަފާތުވުމެއްގައި ވާހަކަދައްކަންޏާ ބަސްމަގު ހުތުރުވުމެވެ." (އަލް ބުޚާރީ: 2327، މުސްލިމް: 58)

މީހަކަށް ފަހަރެއްގައި އަހުދަށް ވާފާތެރި ނުވެވި އެއްބަސްވި ގޮތަށް ކަމެއް ނުކުރެވިދާނެއެވެ. އެ ކަމުގައި އޭނާއަށް އުޒުރެއް އޮވެދާނެއެވެ. އެފަދަ ހާލަތްތަކުގައި އެ ކަމެއް ހިނގި ގޮތާއި ސަބަބު ވެސް އަނެކާއަށް ބުނެއަންގަންވާނެއެވެ. އަދި އެ ހާލަތުގައި އަމަލުކުރާނޭ ގޮތްތަކަކާމެދު ދެފަރާތުން އެހެންގޮތްތަކެއް ހޯދައި އެ ކަމެއް ހައްލުކުރެވެތޯ ބަލަންވާނެއެވެ.

އެއްވެސް އުޒުރެއް ދިމާނުވާހައި ހިނދަކު ދެފަރާތުންމެ ޢަހުދަށް ވަފާތެރިވާންވާނެއެވެ. އެއީ އަޅުގަނޑުމެންގެ އިސްލާމްކަން ފުރިހަމަވުމަށް ކޮންމެހެން ބޭނުންވާ މުހިންމު ސިފަތަކުގެތެރެއިން ސިފައެކެވެ. އޭގެ އިދިކޮޅު ސިފައަކީ ޔަހޫދީންގެ ސިފައެކެވެ. ބަނޫއިސްރާއީލުން ވަޢުދާ ޚިލާފުވި ވާހަކަ ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ބަޔާންވެގެން ވެއެވެ. ޢަހުދަކީ ވަފާތެރިކަމާ އެކު ފުއްދަން ޖެހޭނެއެއްޗެއް ކަމާއި، ޢަހުދާ ބެހޭގޮތުން ސުވާލުވެވޭނެކަން އަންގަވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَأَوْفُوا بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْئُولًا﴾ ‎)الإسراء: ٣٤( މާނައީ: "އަދި ތިޔަބައިމީހުން، ޢަހުދުފުއްދާށެވެ! ހަމަކަށަވަރުން، ޢަހުދަކީ (އެއާމެދު) ސުވާލުކުރައްވާނޭ ކަމެއްކަމުގައި ވިއެވެ."

ކީރިތި ޤުރުއާނާއި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ސުންނަތުގައި ޢަހުދުފުއްދުމާއި ޢަހުދައް ވަފާތެރިވުމަށް ވަރަށް ގިނަ ނަސޭހަތް ދެއްވާފައި ވެއެވެ. ޢަހުދަށް ވަފާތެރިވާ މީހުންނަށް ތައުރީފު ކުރައްވައި ހިތްވަރުދެއްވައިފައި ވެސް އެބަހުއްޓެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿ بَلَىٰ مَنْ أَوْفَىٰ بِعَهْدِهِ وَاتَّقَىٰ فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ﴾ ‎)آل عمران: ٧٦‏ (މާނައީ: "އެހެންނަކުންނޫނެވެ! އެމީހެއްގެ ޢަހުދު އެ މީހަކު ފުރިހަމަޔަށް އަދާކޮށް، ތަޤުވާވެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތަޤުވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ."

އަހުދަށް ވަފާތެރިވުމުގައި ރައްކާތެރިކަމާއި އަމާންކަން ދެމިއޮވެއެވެ. ލޭއޮހޮރުވުން ހުއްޓުވުމާއި މީސްތަކުންގެ ޙައްޤުތައް ރައްކާތެރިވެ އޮތުން ވެސް ހިމެނެނީ މި ރިވެތި އަޚުލާޤުން ޒީނަތްތެރިވުމުގައެވެ. އިންސާނީ ކަރާމާތާއި ރައްކާތެރިކަމަށް ވެސް ބެލުމެއް ނެތި ވަޢުދުތަކާ ޚިލާފުވެ އަހުދުތައް އުވައިލާ މީހުންނަށް ދުނިޔޭގައި ވެސް ނިކަމެތިކަމާއި ދެރަވެރިކަން ކުރިމަތިވާ ހުއްޓެވެ. ވަކީން ޚާއްޞަގޮތެއްގައި މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކަށް ޚިޔާނާތްތެރިވުމަކީ، ކަމުގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރު މައްސަލައެކެވެ.

އަހުދު އުވައިލާ މީހާއަށް ޤިޔާމަތް ދުވަހުން ވެސް އެ ކަމުގެ އަސަރު ފޯރާނެއެވެ. ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "(ޚިޔާނާތްތެރިވާ މީހާގެ ކިބައިގައި) ޤިޔާމަތްދުވަހުން ﷲ ފާހަގައެއް ޖައްސަވާފައި ހުންނާނެތެވެ. އަދި ބުނެވޭނެއެވެ. މިއީ އެވެނިމިވެނި މީހާއަށް ޚިޔާނާތްތެރިވެފައި ވާ މީހެކެވެ."

މިހިރީ މުޅިން ވެސް ވިސްނައި ފިކުރުކުރުން މުހިންމު ވާހަކަތަކެވެ. އަޅުގަނޑުމެންނަށް އެހެން ބަޔަކު ޚިޔާނާތްތެރި ވިޔަސް އަޅުގަނޑުމެން ޚިޔާނަތްތެރި ވެގެން ނުވާނެއެވެ. ވަފާތެރިކަމުގެ ރިވެތި ސިފައިން ޒީނަތްވާން ވާނެއެވެ. ޤިޔާމަތްދުވަހު ކާމިޔާބުވާ މީހުންގެ ތެރެއިން ވެވޭނީ އޭރުންނެވެ.

comment ކޮމެންޓް