މާވްރާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އިންޑިއާގެ އެކްޓަރު ހަރްޝްވަރްދަންއަށް

ޕާކިސްތާނު ބަތަލާ މާވްރާ އަދި ބޮލީވުޑް އެކްޓަރު ހަރްޝްވަރުދަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑް އެކްޓަރު ހަރްޝްވަރްދަން ފިލްމު "ސަނަމް ތޭރީ ކަސަމް 2"އިން ވަކިވާން ނިންމި ނިންމުމާ ގުޅިގެން ޕާކިސްތާނު ބަތަލާ މާވްރާ ހޮސެއިން އެކްޓަރަށް އަނެއްކާ ވެސް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

މާވްރާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ހަރްޝް އެގޮތަށް ނިންމީ، އާއްމުންގެ ސަމާލުކަން ހޯދުމަށް ކަމަށާއި އެއީ ވަރަށް ވަރުގަދަ ޕީއާރް ސްޓަންޓެއް ކަމަށެވެ.

މާވްރާ އަމިއްލަ ޤައުމުގެ ދިފާއުގައި ބުނި އެއްޗެއްގެ ސަބަބުން އެކީގައި މަސައްކަތް ކުރި އެކްޓަރަކު ޖަޒުބާތީވެ ނިންމި ނިންމުމަކީ އެއީ މާވްރާގެ ސޯޝަލް މީޑިއާ ސްޓޭޓްމަންޓްތައް ބޭނުންކޮށްގެން ސަމާލުކަން ހޯދުމަށް ކުރި ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މާވްރާ އަދި ހަރްޝްގެ ސޯޝަލް މީޑިއާ ޕޯސްޓުތަކެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ހަރްޝް އާއި މާވްރާގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުވެފައި މި ވަނީ އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފެށި މިލިޓަރީ ހަރަކާތް "އޮޕަރޭޝަން ސިންދޫރު"ގެ ސަބަބުން ޕާކިސްތާނުގެ ކުށެއް ނެތް މައުސޫމު އެތައް ބަޔަކަށް، އަނިޔާއާއި، ގެއްލުންވެ ކުޑަ ކުއްޖަކު މަރުވުމާ ގުޅިގެން ބަތަލާ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑިކިޔުމާ ގުޅިގެންނެވެ.

ދެ ޤައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށުނު ދަނޑިވަޅުގައި ވެސް ހަރްޝްއަށް މުހިއްމުވީ އާއްމުންގެ ސަމާލުކަން ހޯދުމަށް ކަމަށް ބުނެ މާވްރާ ވަނީ އެކްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ސީކުއަލްއިން ވަކިވާން ނިންމާ ނުވަ އަހަރު ފަހުން ބަތަލާގެ ނަން ބޭނުންކޮށް އާއްމުންގެ ސަމާލުކަން ހޯދުމަށް ހަރްޝް ކުރަމުން އަންނަ މަސައްކަތަކީ ލަދުވެތި އަމަލެއް ކަމަށާއި މުޅިން ގޯސް ޓީމަކާ އެކު ހަރްޝް މަސައްކަތް ކުރާކަން އޭނާ ސާބިތުކޮށްދީފި ކަމަށް މާވްރާ ވަނީ ބުނެފައެވެ.

މާވްރާގެ މި ފާޑުކިޔުންތަކާ ގުޅިގެން ހަރްޝް ބުނެފައި ވަނީ މިހާތަނަށް އޭނާގެ އެއްވެސް ސޯޝަލް މީޑިއާ ސްޓޭޓްމަންޓެއްގައި ވަކި މީހެއްގެ ނަމެއް ބުނެފައި ނުވާނެ ކަމަށާއި ނަމަވެސް އަމިއްލަ ޤައުމުގެ އިހުތިރާމް ގެއްލޭ ގޮތަށް ވާހަކަ ދައްކާ މީހަކާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތް ކަމަށެވެ.

ހަމައެއާއެކު މި ފިލްމުގެ ޑައިރެކްޓަރުން ވެސް ބުނެފައި ވަނީ، އިންޑިއާގެ ސަރުކާރުގެ ނިންމުންތަކަށް އެ މީހުން އިހުތިރާމްކުރާ ކަމަށާއި ޕާކިސްތާނުގެ ފިލްމީ ތަރިންނަށް އެ މީހުން އެއްމެ ރުޕީސްއެއް ވެސް އިންވެސްޓް ކުރުމަށް ބޭނުންނުވާ ކަމަށެވެ.

comment ކޮމެންޓް