އެނިމަލް ވެލްފެއާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން އެބަތިބި

އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: ވިދާޅުވީ އެނިމަލް ވެލްފެއާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބުދެއްވައެވެ.

އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި 48 މީހުން ތިބި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެ މީހުން ތިބި މަގާމުތަކުގެ ތަފްސީލެއް ނުދެއްވަވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، އެކި މަސްދަރުތަކުން 'ސަން'އަށް އެނގިފައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު އުޅެނީ 2،000 އާއި 3،000 އާ ދެމެދުގައެވެ.

ސިޔާސީ މުވައްޒަފުން ގިނަކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުން އަންނަނިކޮށް އޮކްޓޫބަރު 15، 2024 ގައި ރައީސް މުއިއްޒު ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވައި، އެކަން އިއުލާނުކުރައްވައިފައެވެ. އޭގެ ފަހުން ނޮވެންބަރު އެކެއް، 2024 ގައި ރައީސް އޮފީހުން ވަނީ 248 ސިޔާސީ މުވައްޒަފުން ވަކިކުރިކަން ހާމަކޮށްފައެވެ.

3 މެއި 2025: ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

އެ މީހުންގެ ތަފުސީލުތައް ހޯދަން އެދުމުން ރައީސް އޮފީހުން ވަނީ އެ ކަމަށް ދެކޮޅު ހަދައިފައެވެ. އެ މައްސަލަ އިސްތިއުނާފުކުރުމުން، އެ މަައުލޫމާތު ހާމަކުރަން ޖަނަވަރީ 23 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ ނިންމައިފައެވެ. އެކަމަކު، ރައީސް އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

https://sun.mv/205863

ސިޔާސީ މުވައްޒަފުންނާއި ވަކިކުރި ކަމަށް އިއުލާނުކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ މެއި 03، 2025ގައި ބޭއްވެވި ތާރީޚީ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ހައިކޯޓުގައި މައްސަލަ އޮތްކަން ވެސް އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަނުކޮށް އޮވެގެން ނުވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ސަރުކާރުގައި އެކި ފެންވަރުގައި އައްޔަންކޮށްފައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެސް ލިޔުމުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު އެ ދުވަހު އިއުލާނުކުރެއްވިއެވެ.

ނަމަވެސް އޭގެ ފަހުން މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް ހާމައެއް ނުކުރައްވައެވެ.

comment ކޮމެންޓް