ފަނޑިޔާރަކަށް ހަމަލާ ދިން މީހަކު ބަންދުކޮށްފި

ސުޕްރީމް ކޯޓު: ފަނޑިޔާރަކަށް ހަމަލާ ދިން މީހަކު ވަނީ ބަންދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޓެއްގެ ފަނޑިޔާރަކަށް ހަމަލާދީ، މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި މީހަކު އިއްޔެ ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކުރީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި އިއްޔެ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ ވަކީލެއްގެ ފުރުސަތަށް އެދިވަޑައިގަތުމުން ކަމަށް ކޯޓު އަމުރުގައިވެއެވެ.

އޭނާއަކީ މި ބާވަތުގެ ކުށްތަކުގެ ރިކޯޑު އޮތް މީހެއްކަން ކޯޓު އަމުރުން އެނގެއެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުގައި މިއީ އެއް ފަނޑިޔާރަކަށް އެ މީހާ މާރާމާރީ ހިންގި ދެވަނަ ފަހަރެވެ.

ނަމަވެސް އެ މާރާމާރީގައި ހަމަލާ ދިނީ ކޮން ފަނޑިޔާރަކަށް ކަމެއް ކޯޓު އަމުރުގައި ބުނެފައެއް ނުވެއެވެ.

އެ މީހާގެ ބަންދުގެ މުއްދަތު ހަމަވާނީ އާދިއްތަ ދުވަހެވެ.

މި ފަހުން ވެސް މާރާމާރީގެ މައްސަލަތަކެއް ފެންމަތިވިއެވެ. އެ ގޮތުން، 40 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ ޒަޚަމުކޮށްލި މައްސަލައެއް މިދިޔަ ހަފުތާގައި ވެސް ފެންމަތިވިއެވެ.

comment ކޮމެންޓް