ކޮމެޓީއިން ފަނޑިޔާރުން ވަކިކުރަން ނިންމީ ހުދުމުޚުތާރުކޮށް, މައްސަލަ އަލުން ފޮނުވާލަން ގޮވާލައިފި

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް: ވިދާޅުވީ ކޮމެޓީއިން ފަނޑިޔާރުން ވަކިކުރަން ނިންމީ ހުދުމުޚުތާރުކޮށް ކަމަށް -- ފޮޓޯ/ މަޖިލިސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ ހުދުމުޚުތާރުކޮށް ކަމަށާއި، އެހެންކަމުން އެ މައްސަލަ އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ގޮވާލައްވައިފިއެވެ.

ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަދި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީއިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.

އެއަށް ފަހު ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް މިދިޔަ އާދިއްތައިގައި ފާސްކުރުމަށް ފަހު، މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ. އެ ކޮމެޓީން އެގޮތަށް ނިންމީ ފަނޑިޔާރުން ޖަވާބުދާރީވުމުގެ ފުރުސަތަށް އެދިފައި ވަނިކޮށް, އެ ފުރުސަތު ނުދީ, ކޮމެޓީ ސިއްރު ވެސް ކުރުމަށް ފަހުގައެވެ. އަދި ކޮމެޓީން އެ ގޮތަށް ނިންމީ, ޖޭއެސްސީގެ ނިންމުން ގާނޫނާ ހިލާފު ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ވެސް އަރުވާފައި ވަނިކޮށް, އެއަށް ބެލުމެއް ނެތިއެވެ.

މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެެރެއިން-- ފޮޓޯ: މަޖިލިސް

ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ދެއްވި ލަފައެއްގައި ވަނީ ފަނޑިޔާރުން ވަކިކުރާ މައްސަލަ ޖޭއެސްސީއިން ބެލީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. އަދި ޖޭއެސްސީން އެ މައްސަލަ ބެލީ އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ވެސް ވިދާޅުވިއެވެ.

ކައުންސެލް ޖެނެރަލް އެފަދައިން ވިދާޅުވި ނަމަވެސް، ޖުޑިޝަރީ ކޮމިޓީން ދެކެނީ އެގޮތަށް ނޫން ކަމަށް ކޮމިޓީގެ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މުގައްރިރު ހުސްނީ މުބާރިކް ރޭ "ސަން" އަށް ވިދާޅުވިއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގައި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެއަށް ބަހުސްކުރިއިރު ނާޒިލް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.

ނާޒިލް ވަނީ މެންބަރުން ކުރެއްވި ހުވާ ހަނދާންކޮށްދެއްވައިފައެވެ. އެއާއެކު ނިޒާމީ ނުކުތާއެއް ނަންގަވައި، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ވަނީ މީގެ ކުރިން 19 ވަނަ މަޖިލީހުގައި އެ ހުވައާ އެއްގޮތަށްތޯ ކަންކަން ކުރެއްވީ ސުވާލުކުރައްވާފައެވެ.

އެއާއެކު ނާޒިލް ވިދާޅުވީ ކޮމިޓީގައި ކައުންސެލް ޖެނެރަލްގެ ލަފައަށް ރިއާޔަތްކުރަން އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް ޕީއެންސީގެ މެންބަރުން ދެއްވީ ބީރު ކަންފަތެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

މަޖިލީހަށް އެކިއެކި ޖަމިއްޔާތަކުން ހުށަހަޅާފައިވާ ސިޓީތަކަށް ވެސް އެއްވެސް އިޖާބައެއް ނުދީ ކޮމިޓީ ހުދުމުޚުތާރުކޮށް ކުރިއަށް ގެންދިޔައީ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެއާއެކު ނާޒިލް ވަނީ އެ މައްސަލަ އަނބުރާ ގެންދަން ގޮވާލައިފައެވެ.

"އިއްޒަތްތެރި ރައީސް އަނބުރާ ކޮމިޓީއަށް މި ރިޕޯޓު ފޮނުވާލަން އަޅުގަނޑު ގޮވާލަން. މި މަޖިލީހުގައި ކުރެވެން އޮތް ކަމެއް އެއީ އަނބުރާ ފޮނުވާލުން،" ނާޒިލް ވިދާޅުވިއެވެ.

"ކޮމިޓީން ފަނޑިޔާރުން ވަކިކުރަން ނިންމުމަކީ ހުދުމުޚުތާރު ނިންމުމެއް،"

އެ ދެ ފަނދިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ފާސްކުރީ، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި، އެއިރުގެ ފަނޑިޔާރު ހުސްނުއްސުއޫދާއެކު ސަސްޕެންޑުކުރުމަށް ފަހުގައެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

އޭގެ ފަހުން ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، ތިން ބޭފުޅުން ވެސް ޖޭއެސްސީން ބަލާ މައްސަލައާއި އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ސުއޫދާއި އަޒްމިރަލްދާ ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށާއި އޭގެ މަގުސަދަކީ ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެ މައްސަލައިގައި އަޒްމިރަލްދާއަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި އިންޑިއާގެ ބާ އެސޯސިއޭޝަނާއި ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ލޯ އޭޝިއާ)އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބޭރުގެ ޝަރުއީ އެސޯސިއޭޝަންތަކުން ވަނީ، ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވެންދެން ފަނޑިޔާރުން ވަކިނުކުރަން ގޮވާލައިފައެވެ.

comment ކޮމެންޓް