ސިނަމާލެ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވާތީ އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

ސިނަމާލެ ބުރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ގެއްލުން ލިބުނު ކާރާއި ސައިކަލު: ސިނަމާލެ ބުރިޖުމަތީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ގިނަވާތީ މެންބަރު ކުޑޫ ވަނީ މިނިސްޓަރު އިހުސާންއާ ސުވާލުކުރުމަށް ހުށަހަޅުއްވާފައި -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

ސިނަމާލެ ބުރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާތީ، ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މިނިސްޓަރާ ސުވާލުކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)އެވެ.

މިނިސްޓަރު އިހުސާނަށް އެޑްރެސްކުރައްވައި، ކުޑޫ ހުށަހެޅުއްވި ސިޓީގައި ވަނީ، ބުރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އާންމުވެފައިވާކަން ފާހަގަކުރެެވިފައިވާ ކަމަށެވެ.

އެގޮތުން، އެފަދަ އެކްސިޑެންޓުތައް ހިނގުން މަދުކުރުމަށްޓަކައި، ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަށްޓަކައި އުސޫލުތައް މިހާރަށް ވުރެ ހަރުކަށިކުރުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މިދިޔަ ސެޕްޓެމްބަރު ހައެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިކަން ސިޓީގައި މެންބަރު ފާހަގަކުރެއްވިއެވެ.

މެންބަރު މުހައްމަދު އިބްރާހިމް: އޭނާ ވަނީ ސިނަމާލެ ބުރިޖުމަތީގައި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައިވާތީ މިނިސްޓަރު އިހުސާނާ ސުވާލުކުރުމަށް ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލީސް

ނަމަވެސް، ކަމާ ގުޅޭ ގާނޫނެއް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ނެތް ކަމަށާއި ކަމާ ގުޅޭ ގާނޫނަކަށް މިނިސްޓްރީއަކުން ބަދަލުގެނައިކަން ގެޒެޓުން ފެންނަން ނެތް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

އެހެންވެ، މެންބަރު ހުށަހެޅުއްވީ އެކްސިޑެންޓުތައް މަދުކުރެވޭނެ ނިޒާމުތަކެއް ގާއިމުކުރެވިފައި ވޭތޯއާއި ބުރިޖުމަތީގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކަލުން ސަލާމަތްވުމަށް ކުރެވިފައި ވަނީ ނުވަތަ ކުރެވެމުން އަންނަނީ ކޮން ކަންތައްތަކެއްކަން ސާފުކޮށްދެއްވުމަށެވެ. އަދި، ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވާ މީހުން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާނަމަ އެ ނިޒާމަކީ ކޮބައިކަން ހޯދުމަށް ވެސް މެންބަރު ވަނީ ހުށަހަޅުއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭ ހަމައެކަނި މާލޭ ސަރަހައްދުގައި ހިނގި ޖުމްލަ އެކްސިޑެންޓުތަކުގެ އަދަދު 1،068 އަށް އަރާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގައިފައިވަނީ މާލޭގައެވެ. އެއީ ޖުމްލަ 561 އެކްސިޑެންޓު ކަމަށް ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް