ސިވިލް ސާވިސްއިން ބަންޑާރަނައިބުގެ އޮފީސް ވަކިކުރަން ފާސްކޮށްފި

ބަންޑާރަނައިބު އުޝާމް: ސިވިލް ސާވިސްއިން ބަންޑާރަނައިބުގެ އޮފީސް ވަކިކުރަން ވަނީ ފާސްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ސިވިލް ސާވިސްއިން ބަންޑާރަނައިބުގެ އޮފީސް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ ބިލުގެ މަސައްކަތް ނިންމައި، އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް ބަހުސް ނިންމައި ވޯޓަށް އެހިއެވެ. އެކަމަކު، ބަހުސްގައި ބިލާ އެއްކޮޅަށް ވޯޓު ދިނުމަށް ފަހު ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ވޯޓު ދީފައެވެ.

ރޭ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް (އޭޖީ) އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުން ހިމެނެއެވެ. އެ ގޮތުން، ކޮމިޓީން ގެނައި މައިގަނޑު އިސްލާހުތަކަކީ:

  • ބަންޑާރަނައިބުގެ ލަފާގެ މަތިން ޑެޕިއުޓީ އޭޖީ އައްޔަންކޮށް، ވަކިކުރާނީ ރައީސް ކަމަށް ނިންމުން
  • ޑެޕިއުޓީ އޭޖީއާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން މުވައްޒަފުންގެ މަގާމުތައް ތަރުތީބުވެފައިވާ އޮނިގަނޑު ކަނޑައަޅާނީ ބަންޑާރަނައިބު ކަމަށް ނިންމުން
  • އޭޖީ އޮފީހުގައި 20 އަހަރު ޚިދުމަތްކުރުމުން ނުވަތަ އޭޖީ އޮފީހުގައި 10 އަހަރު ޚިދުމަތްކުރުމާ އެކު 10 އަހަރު އެހެން އިދާރާއެއްގައި ޚިދުމަތްކުރުމަށް ފަހު އިނާޔަތާ އެކު ރިޓަޔާކުރެވޭ ގޮތަށް ނިންމުން

އެ ބިލަށް ތަޅުމުގައި ވެސް ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މުސާ ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެއީ، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންކަމަށް ބަޔާންކުރަނީ ޑެޕިއުޓީ އޭޖީއާއި ސެކްރެޓަރީ ޖެނެރަލާއި ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގިންތީގެ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުން ގޮތުގައި ކަނޑައެޅުމެވެ.

އެ އިސްލާހު ބަލައިގަންނަން 65 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެ ބިލު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގައި ބޭއްވި މި ދައުރުގެ ފަހު ޖަލްސާގައި ހުށަހެޅި އިސްލާހާ އެކު ވަނީ ފާސްކޮށްފައެވެ. އެ ގޮތުން، ބިލު ފާސްކުރަން އެ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

https://sun.mv/206039

މި ބިލުގައި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ގާނޫނީ ބާރުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި، ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އެނާ ތަބާވާނީ ހަމައެކަނި ގާނޫނުއަސާސީއަށާއި ގާނޫނަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަށް ނުހިންގޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުންނަމަ ބަންޑާރަނައިބުގެ މަގާމުގައި ހުރި މީހަކު ކޮށްގެން ނުވާނެ ކަންތައްތައް:

  • މަގާމުގެ ހައިސިއްޔަތުން ފިޔަވައި، ސަރުކާރުގެ ނުވަތަ ދައުލަތުގެ އެހެން މަގާމެއް ނުވަތަ ފައިދާއެއް ލިބޭފަދަ އެ ނޫން ވެސް މަގާމެއް ފުރުން ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން.
  • ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވުން ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކުރުން.
  • ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފުން.
  • ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ބަންޑާރަނައިބުގެ މަސްލަހަތެއް ބޭއްވުން.

ބިލުގައިވާގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ވަނީ ދެ ބަޔަކަށް ބަހާލައިފައެވެ. އެއީ، ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް، މި ދެ ބައެވެ.

comment ކޮމެންޓް