ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރުޖެހި ކަށިތަކަށް ފެތުރިފައި

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން. ބައިޑެންއަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހިފައިވާކަން އެ މަނިކުފާނުގެ އޮފީހުން ވަނީ ހާމަކޮށްފައި. ފޮޓޯ/ގެޓީ

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހި އެ ބަލި ކަށިތަކަށް ފެތުރިފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އުމުރުފުޅުން 82 އަހަރުގެ ބައިޑެންއަށް ކެންސަރު ޖެހުނުކަން ކަށަވަރުވީ ކުޑަކަމުދާ ނިޒާމުގެ މަސައްލަތަކެއް ކުރިމަތިވެވަޑައިގެން، ޑޮކްޓަރަށް ދެއްކުމުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ބައިޑެންއަށް ޖެހުނު ކެންސަރަކީ ވަރަށް ނުރައްކާތެރި ކެންސަރެއް ކަމަށާއި، ކެންސަރު ސެލްތައް ވަރަށް އަވަހަށް ހަށިގަނޑަށް ފެތުރިގެންދާ "ހައި ގްރޭޑް" ކެންސަރެއް ކަމަށް އިނގިރޭސިވިލާތުގެ ކެންސަރު ރިސާޗް ސެންޓަރާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

ބައިޑެން އާއި އެމަނިކުފާނުގެ އާއިލާއިން ދަނީ ފަރުވާ ކުރެވޭނެ ގޮތްތައް ބަލަމުންނެވެ.

ނަމަވެސް މިއީ ހޯމޯން-ސެންސިޓިވް ކެންސަރުގެ ބާވަތަކަށް ވާތީ ބަލި މެނޭޖްކުރެވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ ބަޔާނުގައިވެއެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެ ޚަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ.

"ޖިލް އާއި އާއިލާއަށް އަޅުގަނޑުމެން ހެޔޮގޮތްތަކަށް އެދެން." ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑަން އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ. "އަހަރެމެން އެދެނީ ޖޯއަށް އަވަސް ޝިފާއަކަށް."

ބައިޑަންގެ ވެރިކަމުގައި ހުންނެވި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވެސް ވަނީ ބައިޑެންއަށް އަވަށް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

މި ޚަބަރު ލިބިފައިވަނީ ބައިޑެންގެ ސިއްޙަތާއި އުމުރާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން 2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުން ވަކިވެވަޑައިގަތުމަށް މަޖުބޫރުވެވަޑައިގެންތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ. އެ މަނިކުފާނަކީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސްކަމުގެ މަގާމު ފުރުއްވި އެންމެ ދުވަސްވީ ބޭފުޅާއެވެ.

މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ޖޫން މަހު ޓީވީން ދެއްކި ބަހުސްއިން މާބޮޑު ކާމިޔާބީއެއް ލިބިވަޑައިނުގެން އޭރުގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ބައިޑަން ދެއްކެވި ވާހަކަފުޅުތަކަށް ވެސް ފާޑުކިޔުންތައް އަމާޒުވިއެވެ.

އޭގެފަހުން އެ މަނިކުފާނުގެ ބަދަލުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުގެ މަގާމަށް ވަޑައިގަތީ ނައިބު ރައީސް ހެރިސްއެވެ.

ޕްރޮސްޓޭޓް ކެންސަރަކީ ހަމުގެ ކެންސަރަށް ފަހު، ފިރިހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރު ކަމަށް ކްލީވްލެންޑް ކްލިނިކުން ބުނެއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި ކޮންމެ 100 ފިރިހެނުންގެ ތެރެއިން 13 ފިރިހެނުންނަށް އުމުރުގެ ކޮންމެ ވެސް ހިސާބަކުން ޕްރޮސްޓޭޓް ކެންސަރު ޖެހޭނެއެވެ. އަދި އުމުރަކީ އެ ބާވަތުގެ ކެންސަރު ޖެހޭ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވެސް ސީޑީސީން ހާމަކުރެއެވެ.

ވެރިކަމުން ނާކާމިޔާބު ލިބިވަޑައިގެންފަހުން، ބައިޑެން އާންމުންނަށް ފެނިފައި ވަނީ ވަރަށް މަދުންނެވެ.

ބައިޑަންގެ ދޮށީ ފިރިހެން ދަރިފުޅު ބީއު ބައިޑެން ވެސް ވަނީ ސިކުނޑީގެ ކެންސަރު ޖެހިގެން 2015 ވަނަ އަހަރު ނިޔާވެފައެވެ.

comment ކޮމެންޓް