"މޯލްޑިވްސް 2.0"ގެ ތެރެއިން ރާއްޖެ ޑިޖިޓަލް ކުރިޔަސް ވޯޓުލާ ގޮތާ ނުކުޅޭނެ ކަމަށާއި، އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ ވޯޓިން ގެންނާކަށް ސަރުކާރުން ނޫޅޭ ކަމަށް ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް، ސިޔާހު ޚަލީލް ވިދާޅުވެއްޖެއެވެ.
ސިޔާހު އެފަދައިން ވިދާޅުވީ، މި ސަރުކާރުން ރާއްޖެ ޑިޖިޓަލައިޒްކުރަނީ އީ ވޯޓިންގެ ނިޒާމަކަށް ދިޔުމަކަށް ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
ޚާއްސަކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އީ ވޯޓިން ގެންނަން އުޅޭ ކަމަށާއި އެއީ އިންތިޚާބު އޮޅުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް، ސިޔާހު ޚަލީލް --
މި ހަފުތާގެ 'ސަން އޮންލައިން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޔާހު ވިދާޅުވީ، ކަން ދިމާކުރި ގޮތުން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އޭނާ ވެސް ހުންނެވި ކަމަށެވެ. ނަމަވެސް އެއްވެސް އިރެއްގައި ރައީސްގެ އިރުޝާދެއް އީ ވޯޓިން އާ ގުޅޭގޮތުން އައިސްފައި ނެތް ކަމަށް ސިޔާހު ވިދާޅުވިއެވެ.
[އީ ވޯޓިން] އެ ބަސް ވެސް ނީންނާނެ އިނގޭތޯ. ރައީސް ވިދާޅުވެފައި އިންނާނީ އީ ވޯޓިން ފިޔަވައި ދެން ހުރި ހުރިހާ ކަމެއް އެސްޓޯނިއާގައި އެ ކުރަމުންދާ މޮޑެލްއަށް، ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި ކުރަމުންދާ މޮޑެލްއަށް، ރައްޔިތުންނަށް ލުއިފަސޭހަކޮށް [ކޮށްދިނުމަށް]، ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް، ސިޔާހު ޚަލީލް
އޭގެ ބަދަލުގައި ރާއްޖެ ޑިޖިޓަލައިޒްކުރާއިރު، ކޮރަޕްޝަނަށް ހުޅުވާލެވިފައި ހުރި ހުރިހާ ދޮރުތަކެއް ބަންދުކުރެވޭނެ ގޮތަށް، ދެފުށް ފެންނަ ނިޒާމަކަށް ގެނެސްދިނުމަށް އެމަނިކުފާނު އެދިވަޑައިގެން ކަމަށް ސިޔާހު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޯލްޑިވްސް 2.0ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވުނީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވަނީ މި ފަހުން ވިދާޅުވެފައެވެ.
އެގޮތުން އޭނާ ވަނީ މިހާރުގެ ނިޒާމުގެ ތެރެއިން، ރިޔާސީ އިންތިޚާބުގެ ނަތީޖާ ދެ ގަަޑިއިރެއް ހާއިރުން ސާފުވާ ކަމަށާއި، ޔަގީންކަމާއެކު ބޭނުން މީހަކަށް ވޯޓުދީ، ވޯޓު އޮޅުވައިނުލެވޭނެކަން ވެސް ޔަގީންކުރެވޭ ކަމަށް ވިދާޅުވެފައެވެ.
އީ ވޯޓިންއާ ގުޅޭގޮތުން ޖުލައި 17، 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އީ ވޯޓިން ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ވެސް އެ ވިސްނުން ނުގެންގުޅޭ ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ އީ ވޯޓިން ތައާރަފުކުރި ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް އެނބުރި ކަރުދާހަށް ބަދަލުކުރިކަން ފާހަގަކުރައްވައިފައެވެ.
ފުއާދުގެ ކުރިން އޭރު އީސީގެ ރައީސަކަށް ހުންނެވި އަހްމަދު ޝަރީފް (އީސީ ޝަރީފް) ވެސް އޭރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ނުވާނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ހޯމް މިނިސްޓަރު އަލީ އިހުސާން 2.0 މަޝްރޫއު އިފްތިތާހުކުރުމުގެ ޖަލްސާގައި -- ފޮޓޯ/ ހޯމް މިނިސްޓްރީ
"މޯލްޑިވްސް 2.0"އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސް މުއިއްޒުގެ ގައުމީ ތަސައްވުރެވެ. އެއީ، ސަރުކާރުން ޚިދުމަތްކުރާ ގޮތާއި އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި އާންމު ޚިދުމަތާއި ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެއެވެ.
"މޯލްޑިވްސް 2.0" ގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދައިކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށް ރައީސް މުއިއްޒު އެ ރޭ ވިދާޅުވިއެވެ.
މޯލްޑިވްސް 2.0ގެ ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، މޯލްޑިވްސް 2.0 އަކީ މުޅި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ދައުލަތުގެ ތިން ބާރު ވެސް ފުރިހަމައަށް ބައިވާގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެއް ކަމަށެވެ.
އިހުސާން ވިދާޅުވީ، މި ސަމިޓުގެ މުޅި މަސައްކަތް ކުރިއަށްދާނީ ރައީސް ޗެއާކުރައްވާ، ދާއިރާގެ މާހިރުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއްގެ ބެލުމުގެ ދަށުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ 2.0 މަޝްރޫއަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރުގެ ތެރެއިން އުޅެނީ ކޮރަޕްޝަން ޑިޖިޓަލް ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ތުހުމަތުކުރައްވައިފައެވެ.