ޕާކިސްތާނަށް ޖާސޫސް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ އިންޑިއާ ޔޫޓިއުބަރަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ އުތުރުގެ ހަރިޔާނާ ސްޓޭޓްގެ ޓްރެވަލް އިންފްލޫއެންސަރެއް ކަމަށްވާ ޖިއޮތީ މަލްހޯތުރާ ވަނީ ޕާކިސްތާނަށް އެތައް ފަހަރަކު ދަތުރުކޮށްފައި ކަމަށާ އޭނާ އެންމެ ފަހުން އެ ގައުމަށް ދަތުރުކޮށްފައި ވަނީ މިދިޔަ މާޗް މަހު ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ހަރިޔާނާގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ ވަނީ މި މަހު ކުރީކޮޅު އިންޑިއާއިން ބޭރުކުރި ޕާކިސްތާން ހައިކޮމިޝަންގެ އޮފިޝަލަކާ މުއާމަލާތްކޮށްފައެވެ.
ނަމަވެސް ޖިއޮތީގެ ބައްޕަ ވަނީ އޭނާއަކީ ޖާސޫސެއް ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށް، ޕާކިސްތާނަށް ދިޔައީ ބޭނުންވާ ހުއްދަތައް ހޯދައިގެން ކަމަށް ބުނެފައެވެ.
އޮފިސަރުން ވަނީ އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކަށް ހޭދަކުރުމަށް ފައިސާ ހޯދާ ގޮތާ މެދު ސުވާލު އުފައްދާފައެވެ. ބަންގްލަދޭޝް، ޗައިނާ، ތައިލެންޑް، ޔުނައިޓެޑް އެރަބް އެމިރޭޓްސް އަދި އިންޑޮނޭޝިއާ ފަދަ ތަންތަނަށް ޒިޔާރަތްކޮށްފައިވާކަން އޭނާގެ ވީޑިއޯތަކުން އެގޭއިރު، އިންޑިއާގެ ބައެއް މަންޒިލްތަކަށާއި ދީނީ ތަންތަނަށް ވެސް ޒިޔާރަތްކޮށްފައިވާ ކަމަށް ފުލހުން ބުނެއެވެ. ފުލުހުން ބުނާ ގޮތުގައި އެއީ އޭނާއަށް ލިބޭ އާމްދަނީ އާ ނުބައްދަލު ކަމެކެވެ.
މިދިޔަ އޭޕްރީލް މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގަމްގައި ދިން ހަމަލާއާ އެއްވެސް ގުޅުމެއް އޮތްތޯ ވެސް ޖިއޮތީއާ ސުވާލު ކުރަމުންދާ ކަމަށް ހަރިޔާނާގެ އޭއެންއައި ނޫހާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ. އެ ހަމަލާގައި އިންޑިއާގެ 25 މީހުންނާއި ނޭޕާލަށް ނިސްބަތްވާ މީހަކު ވަނީ މަރުވެފައެވެ.
އެ ހަމަލާ ދިން ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ ދެ މީހުން ކަމަށް އިންޑިއާއިން ބުނެއެވެ. އަދި އެކަމުގެ ފަހަތުގައި ވަނީ ޕާކިސްތާނު ކަމަށް އިންޑިއާ އިން ވަނީ ބުނެފައެވެ.
ޖިއޮތީ ހައްޔަރުކޮށްފައި ވަނީ އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ ޕާކިސްތާން ހައި ކޮމިޝަންގެ އޮފިޝަލް އަހުސަން އުރު ރަހީމް އިންޑިއާގައި އޭނާ ހުރި ރަސްމީ ހައިސިއްޔަތާ ފުށުއަރާ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ، މި މަހުގެ 13 ވަނަ ދުވަހު އޭނާ ޕާކިސްތާނަށް ފޮނުވާލައިފައިވާ ވަނިކޮށްށެވެ.
އިސްލާމްއާބާދުގައި ހުންނަ އިންޑިއާ އެމްބަސީގެ މުވައްޒަފަކުވެސް ޕާކިސްތާނުން ވަނީ އަނބުރާ އިންޑިއާއަށް ފޮނުވާލާފައެވެ.
ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ޖިއޮތީ ހައްޔަރުކޮށްފައިވާއިރު، ޕަހަލްގަމްގެ މައްސަލައިގައި މި މަހު ކުރީކޮޅު ދެ ގައުމުންވެސް ވަނީ ހަމަލާތައް ބަދަލުކޮށްފައެވެ. ހަތަރު ދުވަހަށްފަހު ހަމަލާތައް މެދުކަނޑާލަން ދެ ގައުމުން އެއްބަސްވެފަ ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.