ރައީސް ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތަށް، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ޚާއްސަ އެވޯޑު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކުން ރައީސް މުއިއްޒަށް ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލްގެ ޚާއްސަ އެވޯޑު ވަނީ ލިބިވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ ފިޔަވަޅުތަކާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރަލްގެ ޚާއްސަ އެވޯޑު އެ މަނިކުފާނަށް ދެއްވައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ޓަކައި ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކަށް ޑަބްލިއުއެޗްއޯއިން ކޮންމެ އަހަރަކު ވެސް އެވޯޑު ދެއެވެ.

މީގެ ތެރޭގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔެސެސް ދެއްވާ ޚާއްސަ ރިކޮގްނިޝަން އެވޯޑްތަކާއި، ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑްތައް ހިމެނޭއިރު، މި އަހަރު ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ޚާއްސަ ރިކޮގްނިޝަން ސެޓްފިކެޓް ވެސް ވަނީ ހިމަނައިފައެވެ.

މި އަހަރު ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލްގެ ޚާއްސަ އެވޯޑު ލިބިވަޑައިގެންފައިވަނީ ރައީސް މުއިއްޒަށާއި، މޮރިޝަސްގެ ހެލްތު އެންޑް ވެލްނެސް މިނިސްޓްރީއަށެވެ.

މީހަކު ސިނގިރޭޓެއް ބޮނީ: ސިނގިރޭޓުން ނަގައި ޑިއުޓީ މި ސަރުކާރުގައި ވަނީ ބޮޑުކޮށްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް މި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ތައުރީފުކޮށްފައެވެ.

މުޅި ދުނިޔޭގައި ވެސް އީ-ސިނގިރޭޓް މަނާކޮށްފައިވަނީ އެންމެ 37 ގައުމަކުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން ރާއްޖޭގައި ވަނީ މަނާކޮށްފައެވެ.

https://sun.mv/205960

މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ. ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު އެ އިސްލާހުގައި ވާގޮތުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި ޖަނަވަރީ 1، 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ވަޒީރުންގެ މަޖިލީހުން ނިންމައިފައިވަނީ ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފަށާނީ މި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ކަމަށެވެ.

މި ނިންމުންތަކާ އެކު ގިނަ ބަޔަކު ވަނީ އެ ކަމަށް މަރުހަބާ ކިޔައި، އެއީ ދެން އަންނަ ޖީލުތައް ރައްކާތެރިކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބުނެ، ސަރުކާރަށް ތައުރީފުކޮށްފައެވެ.

comment ކޮމެންޓް