މި އަހަރު 800 އެއްހާ މަޝްރޫއު ކޮންޓްރެކްޓު ކުރާނެ ކަމަށާއި މަޝްރޫއުތައް ހިންގުމުގެ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، އެކި ސަބަބުތަކާ ހެދި ސަރުކާރާ ހަވާލުވިއިރު، ގިނަ މަޝްރޫއުތަކެއް ހުއްޓިފައި ހުރި ކަމަށެވެ. އެ މަޝްރުއޫތައް އަލުން ފެށުމަށްޓަކައި، ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގުމަށް މިއަހަރު ތެރޭ 390 މަޝްރޫއެއް އެކި ކުންފުނިތަކާއެކު ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، މަސައްކަތްތައް އަވަހަށް ކުރިއަށް ގެންދިޔުމަށް ވަޒީރުންނާ ކޮންމެ ހަފުތާއަކު ބައްދަލުކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒާއި ކެބިނެޓުގެ ވަޒީރުން މުލީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވަނީ ----- ފޮޓޯ/ ރައީސް އޮފީސް
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދެތިން ހަފުތާއެއް ތެރޭ ގާތްގަނޑަކަށް 300 މަޝްރޫއެއްގައި ސޮއިކުރެވޭނެ ކަމަށާއި އޭގެތެރޭގައި ޕްރައިވެޓް ކުންފުނިތަކަށް ޚާއްސަކުރާ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށެވެ.
އެހެންވީމައި، 700 ނުވަތަ 800އެއްހާ މަޝްރޫއު މިދިޔަ ފެބްރުއަރީން ފެށިގެން ކުރިއަށް އޮތް ދެ މަހަކާ އެއްކޮށްލައިފިއްޔާ މި ހަތަރު ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި މިހަވާލުކުރަނީ އެކި ކުންފުނިތަކާ. ބާރު ސްޕީޑުގައި މަސައްކަތްތައް ގެންގޮސް ނިންމުމަށްޓަކައި. އަޅުގަނޑުމެންނަށް ފުރިހަމަ ޔަގީންކަން އެބައޮތް މި މަސައްކަތްތައް ކާމިޔާބުކުރެވޭނެ
ރައީސް މުއިއްޒު ވިދާޅުވީ، މަޝްރޫއުތައް ކުރިއަށް ގެންދަނީ ދުރާލާ ރާވައިގެން ކަމަށާއި އެ މަޝްރޫއުތައް އެއްވެސް ކަންބޮޑުވުމެއް ނެތި ނިންމޭނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ރައްޔިތެއް ރަށެއް ބާކީ ނުކޮށް، ޚިދުމަތް ދިނުމަށް ކަމަށާއި މިއަހަރާއި އަންނަ އަހަރު ތެރޭ މަޝްރޫއުތަކުގެ އަމަލީ ނަތީޖާތައް ނެރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މުލީގެ ރައްޔިތުންނާ ސަލާންކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް
އެއާއެކު، މުއައްސަސާތަކުގެ ވެރިން މާލެއަށް ގެންގޮސް ބައްދަލުކުރުމަކީ ގަބޫލުކުރާ 'ސްޓައިލެއް' ނޫން ކަމަށާއި ބޭނުންވަނީ ރައްޔިތުންގެ ގާތަށް އައިސް ބައްދަލުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރައްޔިތުންނާ ގާތަށް އައިސް ބައްދަލުކުރުމް ލިބޭ ހިތްހަމަޖެހުމަކީ ވަރަށް ތަފާތު އެއްޗެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ރައީސް ވަނީ، އެމަނިކުފާނު ރައްޔިތުންނަށްވެ ވަޑައިގަތް ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވާފައެވެ.