ރާއްޖޭން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސުލާ ވޮން ޑާ ލެޔެންއަށް އަރުވައިފިއެވެ.
ފޮރިން މިނިސްޓަރީން ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބްރަސްލްސްގައި ހުންނަ ޔޫރަޕިއަން ކޮމިޝަން ހެޑްކުއާޓާސް، ބާލެމޮންޓް ބިލްޑިންގައި ކަމަށެވެ.
ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އުރްސުލާ ވޮން ޑާ ލެޔެންއަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ޤީލާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފި -- ފޮޓޯ/ ފޮރިން މިނިސްޓްރީ
އަދި ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް، ރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.
މީގެއިތުރުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް ވަނީ ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަޤާމާ ޤީލާ ހަވާލުވެވަޑައިގަތުމުން މަރުހަބާ ދަންނަވާފައެވެ.
ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ޔޫރަޕިއަން ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.