ގިނަ ބަޔަކު ހެއްވާލި ފިލްމު 'ދަމާލް'ގެ ހަތަރު ވަނަ ފިލްމު އަންނަ އަހަރުގެ ފިތުރު ޢީދުގައި

ފިލްމު "ދަމާލް 4"ގެ ކާސްޓުން--ފޮޓޯ/އެމްއެސްއެން

ޑައިރެކްޓަރު އިންދްރަކުމާރުގެ މަގުބޫލު ފްރެންޗައިސް "ދަމާލް"ގެ ހަތަރު ވަނަ ފިލްމު އަންނަ އަހަރުގެ ފިޠުރު ޢީދުގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

މި ފްރެންޗައިސްގެ ފުރަތަމަ ފިލްމު ބެލުންތެރިންނަށް ގެނެސްދިނީ " ދަމާލް"ގެ ނަމުގައި 2007 ވަނަ އަހަރެވެ. އޭގެ ފަހުން 2011 ވަނަ އަހަރު "ޑަބަލް ދަމާލް" އަދި 2019 ވަނަ އަހަރު "ޓޯޓަލް ދަމާލް"ގެ ނަމުގައި މި ފްރެންޗައިސްގެ ފިލްމުތައް ބެލުންތެރިންނަށް ވަނީ ގެނެސްދީފައެވެ.

ޑްރާމާ، އެކްޝަން އަދި ހިތްގައިމު މިއުޒިކާ އެކު ބްލެންޑެޑްކޮށް ގެނެސްދެމުން އަންނަ މި ފްރެންޗައިސްގެ ހަތަރު ވަނަ ފިލްމުގެ މުހިއްމު ތަރިންގެތެރޭ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، ސަންޖޭ މިޝްރާ އަދި ޖާވިދު ޖެފްރީ ހިމެނެއެވެ.

އަޖޭ ދޭވްގަން ފިލްމު "ދަމާލް"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްެސް

ފިލްމު "ދަމާލް 4"އިން ބެލުންތެރިންނަށް އަލަށް ފެންނާނެ ތަރިންގެތެރޭ ޓެލެވިޒަން ބަތަލާ ސަންޖީދާ ޝައިހް، އަންޖަލީ އާނަންދު، އުޕެންދުރަ އަދި ރަވީ ކިޝަން ހިމެނެއެވެ. އިންޑިއާގެ މުމްބާއީގައި ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށް ނިންމާފައިވާއިރު މިހާރު ކުރިއަށް ދަނީ ފިލްމުގެ އެންމެ ފަހުގެ މަންޒަރުތައް ޝޫޓް ކުރުމުގެ މަސައްކަތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވޭ އެންމެ އުއްމީދީ ފިލްމުތަކުގެ ތެރޭ "ދަމާލް 4" ހިމެނޭއިރު ފިލްމު ރިލީޒްކުރަން ނިންމި ދުވަސްވަރަކީ އާއްމުކޮށް އެކްޓަރު ސަލްމާން ޚާންގެ ބޮޑު ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭ ދުވަސްވަރެވެ.

ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދުގައި އެކްޓަރު ސަލްމާން ޚާންގެ ފިލްމެއް ސިނަމާތަކުން ފެންނައިރު އަންނަ އަހަރު އެ ފުރުސަތު ލިބިފައި މިވަނީ އެކްޓަރު އަޖޭ ދޭވްގަންއަށެވެ.

އަޖޭ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ މި ފިލްމަކީ ޓީ – ސީރީސް އާއި އަޖޭ ދޭވްގަން ފިލްމްސްގެ އިތުރުން އިތުރު ދެ ފިލްމު ކުންފުންޏެއް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް