ބައިޑެން ވެރިކަމުގައި ހުންނެވިއިރުވެސް ކެންސަރު ޖެހިފައިވާކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން. ބައިޑެންއަށް ވަނީ ޕްރޮސްޓްރޭޓް ކެންސަރު ޖެހިފައި. ފޮޓޯ/އޭޕީ

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން މިދިޔަ ހަފުތާގެ ކުރިން ފާހަގަނުކުރެވޭ ކަމަށާއި، އެ ބަލި ހުރިތޯ އެންމެ ފަހުން ޓެސްޓް ކުރެއްވީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ކަމަށް އެ މަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އެ ބަޔާން ނެރެފައިވަނީ، ބައިޑެންއަށް ކެންސަރު ޖެހުނީ ވެރިކަމުގައި ހުންނަވަނިކޮށް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފަހުންނެވެ. ބައިޑެންގެ ސަރުކާރާ އިދިކޮޅު އެހެން ބައެއް މީހުން ވެސް ވަނީ އެ ތުހުމަތުކޮށްފައެވެ.

"ރައީސް ބައިޑެން އެންމެ ފަހުން ޕީއެސްއޭ [ޕްރޮސްޓޭޓް ސްޕެސިފިކް އެންޓިޖަން ޓެސްޓް] ހެއްދެވީ 2014 ވަނަ އަހަރު،" ޕްރޮސްޓޭޓް ކެންސަރު ދެނެގަތުމަށް ހަދާ ޕީއެސްއޭ ޓެސްޓާ ގުޅޭ ގޮތުން އެ ބަޔާނުގައިވެއެވެ.

"ހުކުރު ދުވަހުގެ ކުރިން ރައީސް ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން ދުވަހަކުވެސް ފާހަގަކުރެވިފައެއް ނުވޭ."

ބައިޑެންގެ ބައްޔާ ބެހޭ ގޮތުން އާންމުންނަށް ކުރިން ނޭނގުމަކީ ހައިރާންވެ ވަޑައިގަންނަވާ ކަމަށް ހޯމަ ދުވަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

"ކީއްވެ އެހާ ވަގުތު ނެގީ؟ މިކަމަށް ގިނަ ވަގުތު ނަގާ. މިހާ ނުރައްކާތެރި ބައްޔެއް ޖެހެން ވަރަށް ގިނަ ދުވަސް ނަގާ." ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

"ކޮންމެވެސް މީހަކު ހަގީގަތް ފޮރުވަނީ. އެއީ ވަރަށް ބޮޑު މައްސަލައެއް." ޓްރަމްޕް ވިދާޅުވިއެވެ.

ބައިޑަންގެ އޮފީހުން ބުނީ ޕްރޮސްޓޭޓް ކެންސަރު 6 އިން 10 އަށް ގްރޭޑް ކުރާ ގްލީސަން ކްލަސިފިކޭޝަން ސިސްޓަމްގެ ދަށުން އެމަނިކުފާނުގެ ކެންސަރަށް ލިބިފައި ވަނީ 9 ކަމަށެވެ. އަދި އެއީ އެންމެ ނުރައްކާތެރި އެއް ވައްތަރުގެ ކެންސަރު ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އުމުރުފުޅުން 82 އަހަރުގެ ބައިޑެންއަށް އެންމެ ރަނގަޅު ސިއްޙީ ފަރުވާ ހޯދުމުގެ ފުރުސަތު އޮތްއިރު، އެ ބަލި ކުރިން ދެނެނުގަނެވުނު ސަބަބާމެދު ބައެއް ޑޮކްޓަރުން ޝައްކު އުފެއްދި ނަމަވެސް، އަނެއް ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި އާންމުކޮށް އެ އުމުރުގެ ފިރިހެނުން ސްކްރީނިން ހެދުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ބައެއް ކެންސަރު ބަލިތައް ޓެސްޓުތަކުން ނުދައްކާނެ ކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސް) އާއި އެހެނިހެން ސިއްޙީ އިދާރާތަކުންވެސް 70 އަހަރުން މަތީގެ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރުމަށް ލަފައެއް ނުދެއެވެ.

"ރައީސް ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމަކީ ހިތާމަހުރި ކަމެއް ނަމަވެސް އެއީ ވެދާނެ ކަމެއް." ލޮސް އެންޖެލިސްގެ ސީޑާސް-ސިނާއީ މެޑިކަލް ސެންޓަރުގެ ޔޫރޮލޮޖިކަލް ސާޖަން އޭޑަމް ވައިނާ އަލްޖަޒީރާއަށް ވިދާޅުވިއެވެ.

ލަންޑަންގެ ދަ އިންސްޓިޓިއުޓް އޮފް ކެންސާ ރިސާޗްގެ ޕްރޮސްޓޭޓް ކެންސަރުގެ މާހިރެއް ކަމަށްވާ ނިކް ޖޭމްސް ވިދާޅުވީ ބައިޑެންއަށް ކެންސަރު ޖެހުނު ވާހަކައަކީ ތަންކޮޅެއް އާދަޔާ ޚިލާފު ނަމަވެސް ގަބޫލުކުރެވޭ ވާހަކައެއް ކަމަށެވެ. ސަބަބަކީ ބައެއް ކެންސަރުތަކަކީ ލޭގެ ޓެސްޓުތައް ހެދުމުންވެސް ނުފެންނަ ބަލިތަކަކަށް ވާތީއެވެ.

އުމުރުން ދުވަސްވެ ސިއްޙީ ހާލުކޮޅު ތަންނުދިނުމުގެ ސަބަބުން މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުން ބައިޑެން ވަނީ ވަކިވެވަޑައިގެންފައެވެ. ބައިޑެންގެ ސިއްޙީ ހާލުކޮޅާމެދު އޭރުވެސް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިންތިޚާބުގެ ކުރިން ބޭއްވި ރިޔާސީ ބަހުސްގައި ޓްރަމްޕާ ދެކޮޅަށް ދެއްކެވި ވާހަކަފުޅުތަކާހެދިވެސް އާންމުންގެ ފާޑުކިޔުން ބައިޑެންއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ބައިޑެންއަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހި ކަށިތަކަށް ފެތުރިފައިވާކަން އެމަނިކުފާނުގެ އޮފީހުން ހާމަކުރީ މިދިޔަ ހުކުރު ދުވަހެވެ.

comment ކޮމެންޓް