ޒުވާން ޚަޠީބުން ތަމްރީނުކުރުގެ ޕްރޮގުރާމުގެ ތިންވަނަ ބުރަށް 269 މީހުން ޝަރުތު ހަމަވާކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެން ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް، ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް މިނިސްޓްރީން އަންނަނީ ޚަތީބުކަމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ.
މި ފުރުސަތު ދެނީ 10، 11، އަދި 12ގައި ތައުލީމު ހާސިލްކުރަމުންދާ، ނުވަތަ ސްކޫލް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔަވައި، ނަމާދުގެ ފިގުހުގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް 338 މީހުން ފޯމު ހުށައަަޅާފައިވާކަމަށެެވެ. ޕްރޮގްރާމުގައި ބައިވެރިވި މީހުންގެ އިމްތިހާނު މިހާރު މާލޭގައި ވަނީ ފަށައިފައެވެ.
އެ އިމްތިހާނުން ފާސްވާ މީހުންނަށް ސަނަދު ދިނުމުގެ ކުރިން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެއެވެ. މި ތަމްރީނުތައް ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޒުވާން ޚަޠީބުންގެ ޕްރޮގުރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވި ކުދީންގެ އިމްތިހާނު މާލޭގައި ކުރިއަށްދަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެ ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދޭނެއެވެ. މި ޕްރޮގްރާމުގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ޒުވާން ޚަތީބުންގެ ދެ ބެޗެއްގެ ތެރެއިން، 300އަށްވުރެ ގިނަ ޚަތީބުންވަނީ މިހާރު އުފެދިފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1،000 ޒުވާން ޚަތީބުން އުފެއްދުން ކަމަށް މީގެ ކުރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚަޠީބުންގެ ޕްރޮގްރާމަކީ ޚަތީބުންގެ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.