ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުގައި ބޮޑަށް އިސްކަންދޭނީ ފިޔަވަޅު އެޅުމަށްވުރެ، ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
'ޖެނެރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް އަންނަ ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާ ކުރާ ބިލު މިއަދު ރައީސް ވަނީ ތަސްދީގުކުރައްވާފައެވެ.
އެ ބިލު ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ދުންފަތާ ގުޅޭ އެހެން ގާނޫނުތަކާއި ގަވައިދުތައް ހުރި ނަމަވެސް އެކަށިގެންވާ މިންވަރަކަށް ތަންފީޒުނުކުރެވޭއިރު، މިބިލު ތަންފީޒުކޮށް ނަތީޖާ ނެރެވޭނެތޯ ސުވާލުކޮށްފައެވެ.
ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، ތަންފީޒީ އިދާރާތައް ކިތަންމެ ވަރުގަދަ ކުރިޔަސް އަބަދުވެސް 'ކުށްކުރާ ބަޔަކު' ތިބޭނެ ކަމަށެވެ.
އެހެންވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ފުލުހުންނާއި ކަސްޓަމްސް މިހާރަށް ވުރެ ހަރުދަނާކުރުމުގެ ކަންކަން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރަށް ބަޖެޓު ހަދާއިރު ވެސް، އެ އިދާރާތަކުން މަސައްކަތްތައް ތަންފީޒުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހިމަނަން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ބިލު ތަސްދީގުކުރެއްވުން: ޖެނެރޭޝަން ބޭން ތަންފީޒުކުރާނީ ބަޔަކު 'ކުށްވެރިކޮށްގެނެއް ނޫން' ކަމަށާއި ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި ---- ފޮޓޯ/ ރައީސް އޮފީސް
ބޭނުމަކީ ފިޔަވަޅު އެޅުމެއް ނޫން. ބަޔަކު ކުށްވެރިކުރުމެއް ނޫން. އަޅުގަނޑު ބޭނުންވަނީ ހޭލުންތެރިކުރަން. ހޭލުންތެރިކަމަށް ވެސް ވަރަށް ބޮޑު ޚަރަދެއް ކުރާނަން. ޕަބްލިކް އެވެއާނަސްއަށް އެންމެ ބޮޑު ޚަރަދެއް ކުރާނީ
ރައީސް ޑރ. މުޙައްމަދު މުއިއްޒު
އޭގެއިތުރުން، މި ޖީލަށް ދުންފަތް މަނާކޮށް، ބިލު ތަންފީޒުކުރަން ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކަށް ބޮޑު އިންސައްތައެއް ޚަރަދުކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބޭނުންވަނީ ދުންފަތާ ދުރުވުމަށް ހިތްވަރުދީގެން އެކަމާ އަމިއްލައަށް ދުރުވުމަށް މަސައްކަތް ކޮށްދިނުން ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން ބޭނުންނުވިއަސް އިސްތިސްނާ ހާލަތްތަކުގައި އެކަން ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، ދުންފަތުގެ ދާއިރާއިން އާމްދަނީ ހޯދަން ވިސްނާފައި ނެތް ކަމަށާއި މި ދާއިރާއިން ލިބޭ އާމްދަނީ ޚަރަދުކުރާނީ ސިއްހީ ދާއިރާ ތަރައްގީކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކަށް ކަމަށެވެ. އަދި، ރަނގަޅީ ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ އެއްވެސް ކަމެއް ނުހިނގިއްޔާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެ ވިޔަފާރިތައް ކުރާ ފަރާތްތަކުން އެކަން ދޫކޮށް، އެހެން ވިޔަފާރިތަކަށް ބަދަލުވުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މުޅި މުޖުތަމައުގެ އެންމެން ގުޅިގެން ދުންފަތުގެ މައްސަލައަށް ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ރައީސް ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން ވަނީ މަނާކޮށްފައެވެ. ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފައި ވަނީ ވެސް އެ ފިޔަވަޅުތަކުގެ ދަށުންނެވެ.