ބްރިޖުގައި ދެ އެކްސިޑެންޓް: ތިން މީހަކަށް އަނިޔާވެ, އެކެއްގެ ފަލަމަސްގަނޑަށް ބޮޑު އަނިޔާއެއް

ބުރިޖުގައި ކުރިން ހިނގި އެކްސިޑެންޓެއް: ރޭ ބްރިޖުގައި ދެ އެކްސިޑެންޓު ހިނގައި ތިން މީހުންނަށް އަނިޔާވިއިރު އެކެއްގެ ފަލަމަސްގަނޑަށް ބޮޑު އަނިޔާއެއްވި -- ސަން ފޮޓޯ

ރޭ ސިނަމާލެ ބުރިޖު މަތީގައި ދެ އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވިއިރު، އެކެއްގެ ފަލަމަސްގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ސިނަމާލެ ބުރިޖުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހި، އެކްސިޑެންޓު ވެފައިވާ މައްސަލަ ރޭ 09:48 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ސައިކަލެއް މަޑުކުރުމުން، ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އެއާއެކު ކުރީގައި ހަތަރު ސިގްނަލް ޖައްސައިގެން މަޑުކޮށްގެން އޮތް ކާރެއްގައި އެ ދެ ސައިކަލު ވެސް ޖެހިފައިވާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކާރެއް އާންމު ގޮތެއްގައި ހަތަރު ސިގްނަލް ޖައްސައިގެން އޮތުމުން އަންގައިދެނީ، އެމާޖެންސީ ހާލަތެއްގައި ނުވަތަ އެހެން ނޫން ހާލަތެއްގައި ވިޔަސް، އުސޫލާ އެއްގޮތަށް މަޑުކޮށްގެން އޮތް ކަމެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މި އެކްސިޑެންޓު ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި، އިތުރު އެކްސިޑެންޓެއް ވެސް ހިނގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާގެ ފަލަމަސްގަނޑަށް އަނިޔާވެ، އިތުރު އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ހިނގި ދެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ވެސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސިނަމާލެ ބުރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަރަށް އާންމެވެ.

އެގޮތުން، އެފަދަ އެކްސިޑެންޓުތައް ހިނގުން މަދުކުރުމަށްޓަކައި، ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަށްޓަކައި އުސޫލުތައް މިހާރަށް ވުރެ ހަރުކަށިކުރުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މިދިޔަ ސެޕްޓެމްބަރު ހައެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ނަމަވެސް އަދި އެފަދަ އިސްލާހެއް ހުށަހަޅުއްވާފައި ނެތުމުން މިމަހުގެ 14ގައި ސިނަމާލެ ބުރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާތީ، ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް