ރާއްޖޭގައި ފަގީރުކަން މަދުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓާއި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ން ގުޅިގެން ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ފަށައިފިއެވެ.
މިނިސްޓްރީއިން ބުނީ އެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެމްއައިބީގެ އިސް ވެރިންނާ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވާފައި ވާކަމަށެވެ.
މިނިސްޓްރީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ފުދުންތެރިކަން ދަށް ޢާއިލާތަކަށް ނުވަތަ ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވެސް މަޝްވަރާކޮށްފައި ވާކަމަށް މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.
އެގޮތުން އެ ޕްރޮގްރާމުގެ ދަށުން ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި:
• އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުން
• އަސާސީ ޚިދުމަތްތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން
• ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
• އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުން
އެމްއައިބީން ވަނީ އެ ޕްރޮގްރާމަކީ ދިވެހި މުޖުތަމަޢުގައި ތިބި އެންމެ ނިކަމެތި މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް ކަމަށް ބުނެފައެވެ.
އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ މީހުންނާއެކު މިނިސްޓްރީން މިހާރުވެސް ގާތުން މަސައްކަތްކުރަމުންދާއިރު، މިނިސްޓްރީއާއެކު މި މަސައްކަތް ކުރުމަކީ ނިކަމެތި އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތު ބަދަލުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ.
ދެހާސް އެކާވީސްވަނަ އަހަރު މާލޭގައި 1،520 މީހަކު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވެއެވެ.