ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު: މާދަން ފަށާއިރު ތައްޔާރީތަކަށް އެއްވަނަ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު: މިހަރަކާތް މާދާމާ ރޭ ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަނީވެނިމިފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން، މިހާތަނަށް ބާއްވާ މިފަދަ އެންމެ ބޮޑު، އަދި އެތައްސަތޭކަ ދިވެހި ފަންނުވެރިންގެ ހުށަހެޅުންތައް އެއް ތަނަކުން ފެންނާނެ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 މާދަމާ ފެށުމަށް، އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިއްޖެއެވެ.

އެ މައުރަޒު ހުޅުވުމަށް މިހާރު ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތައް މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ.

އެ ތައްޔާރީތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސިޔާޒް ވިދާޅުވީ، މި މައުރަޒުގައި އެކި އަތޮޅުތަކުން 300 އަށްވުރެ ގިނަ ބައިވެރިން ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސިޔާޒް މީޑިއާއަށް މައުލޫމާތުދެއްވަނީ --- ސަންފޮޓޯ/ މޫސާ ނަދީމް

މި ހަރަކާތް ކުރިއަށް ގެންދަނީ ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކޮށް، އުފެއްދުންތެރިކަމަށް އިތުރު ޝައުގުވެރިކަމެއް ގެނައުމުގެ ބޭނުމުގައި ކަމަށް ސިޔާޒް ވިދާޅުވިއެވެ. އަދި، ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ފާހަގަކުރެއްވިއެވެ.

މި މައުރަޒު ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެއެވެ. އެއީ، ވާދުކުރުމުގެ ބަޔާއި ޑިސްޕްލޭއަށް އެކަނި ބަހައްޓާ ބައެވެ. އޭގެތެރެއިން ވާދަކުރުމުގެ ބަޔަށް 3،000 އަށްވުރެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށް ސިޔާޒް ވިދާޅުވިއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިއަކު ހުށަހެޅުންތައް އަތުރަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

މި މައުރަޒު އަހަރުން އަހަރަށް ފުޅާކޮށް، ބައިނައަގުވާމީ ފަރާތްތަކުން ބައިވެރިވެ، ކުރިއަށް ގެންދާ މައުރަޒެއް ގޮތުގައި ހެދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފައިވާ ކަމަށް ސިޔާޒް ވިދާޅުވިއެވެ.

އެ މައުރަޒުގައި ބައިވެރިކުރާ ތަކެތީގެ ވަނަތައް ހޮވުން މިރޭ އޮންނައިރު، ވަނަތައް ކަނޑައަޅާފައިވަނީ އެކަމަށް ޚާއްސަ ޕެނަލަކުން ފަނޑިޔާރުކަން ކޮށްގެނެވެ. މާދަމާ ރޭ ހުޅުވާ މި މައުރަޒު، މި މަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.

ސިޔާޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅުތަކުން މި މައުރަޒުގައި ބައިވެރިވެފައިވާ ކަމަށެވެ. އޭގެތެރެއިން އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނެވެ. 15 ދާއިރާއަކުން 81 ގިންތިއަކަށް ކުރިއަށް ގެންދާ މި މައުރަޒުގައި އެންމެ ގިނައިން ބައިވެރިކޮށްފައި ވަނީ ލިޔެލާ ޖެހުމުގެ އުފެއްދުންތައް ކަމަށް ސިޔާޒް ވިދާޅުވިއެވެ.

އެއާއެކު، މި މައުރަޒުގެ ތަފާތަކީ ޑިޖިޓަލް އުފެއްދުންތަކާއި ޚިދުމަތްތައް ވެސް ދައްކާލާތީ ކަން ސިޔާޒް ފާހަގަކުރެއްވިއެވެ. މި މައުރަޒުގައި ދިވެހި ބޭސްވެރިކަމާއި ގަހަނާއާއި ދިވެހީންގެ ތަފާތު ހުނަރުތަކާ އުފެއްދުންތައް ފެންނާނެއެވެ.

މިއީ ދިވެހީންގެ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ފެންނާނެ އެންމެ ބޮޑު މައުރަޒެވެ.

comment ކޮމެންޓް