ވިނަރެސް ފުލެޓަށް އެޕްލައި ކުރުމަށް އެދި އެޗްޑީސީގެ ނަމުގައި ސްކޭމްތަކެއް، ސަމާލުވާން އެދެފި

ވިނަރެސް ފުލެޓްތައް: އެފުލެޓުތަކަށް އެޕްލައި ކުރުމަށް އެދި އެޗްޑީސީގެ ނަމުގައި ސްކޭމްތަކެއް ހިންގާތީ ސަމާލުވާން ވަނީ އެދިފައި -- ފޮޓޯ/ އެޗްޑީސީ

ވިނަރެސް ފުލެޓަށް އެޕްލައިކުރުމަށް އެދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގުޅައި، ސްކޭމް މެސެޖު ކުރާތީ އެކަމަށް ސަމާލުވާން އެ ކޯޕަރޭޝަނުން މިއަދު އެދިއްޖެއެވެ.

އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ވިނަރެސް ފުލެޓަށް އެޕްލައި ކުރުމަށް އެދި އެ ކޯޕަރޭޝަނުން ގުޅައި، މެސެޖުކޮށް ނުހަދާނެ ކަމަށެވެ.

ފައިސާއާއި ޕޭމަންޓާ ބެހޭ އެއްވެސް މައުލޫމާތެއް ހިމެނޭ ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި، އެ ފަދަ މެސެޖުތަކާ ކޯލުތަކަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މަކަރާ ހީލާތުން އެކި އުކުޅުތައް ބޭނުންކޮށް ރާއްޖޭގައި ފައިސާ ހޯދުމުގެ މައްސަލަތައް ވަރަށް އާންމެވެ. އެ ފަދަ މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ގެއްލޭއިރު، އެފައިސާ ހޯދެނީ މަދު ފަހަރެއްގައެވެ.

އެންމެ އާންމު އުކުޅުތަކެއްގެ ގޮތުގައި ފާހަގަވަނީ، ބޭންކުގެ ނަމުގައި ސްކޭމް ކުރުމާއި ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ސްކޭމް ކުރުމެވެ.

މިއަދު ފުލުހުން ބުނީ، މިދިޔަ ހަފުތާގައި ހިނގި އެކި ބާވަތުގެ ސްކޭމްތަކުގެ ސަބަބުން ގެއްލުނު 380،000އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި އެކަނި ޖުމުލަ 45 މައްސަލަ ހުށަހަޅާފައިވާއިރު، އެމައްސަލަތަކުގައި 481،520.67 ރުފިޔާ ވަނީ ގެއްލިފައެވެ. އެގޮތުން، އެންމެ ގިނައިން ފައިސާ ގެއްލިފައި ވަނީ އީކޮމާސް ސްކޭމްތަކުގައެވެ.

comment ކޮމެންޓް