އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން މިރޭ ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް ބަޑިޖަހައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އިސްރާއީލުން ހަމަލަ ދިނީ އަރަބި، އީޔޫ ޑިޕްލޮމެޓުންތަކަކަށް އަމާޒުކޮށެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާއި ޚިލާފު އެ އަމަލަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެއީ ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އިސްރާއީލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މުޅިން ޚިލާފުކަމެއް ކަމަށާއި، ޑިޕްލޮމެޓިކް މިޝަންތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުން ވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތައް ކަމަށް ބަޔާނުގައިވެއެވެ.
އަދި އިސްރާއީލްގެ މި އަމަލުތައް، ކުށްވެރިކޮށް، ބައިނަލްއަޤްވާމީ މުޖުތަމައުން، އިސްރާއީލުން، ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާއި ޑިޕްލޮމެޓިކް އުޞޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުންނެވެ.