މެޑްރިޑް (26 މެއި 2025) : އިސްރާއީލުން ޣައްޒާގައި ގަތުލުއާންމުތައް ހިންގާއިރު އިސްރާއީލަށް ފިޔަވަޅު ނާޅައި ތިބެގެން އިންސާނީ ހައްގުތަކާއި ރޫލް އޮފް ލޯ ހިމާޔަތް ކުރުމަށް ގޮވާލައި ދުނިޔޭގެ ފެންވަރުގައި ޔޫރަޕްގެ އިއްތިޙާދުން ވަކާލާތު ކުރާނީ ކޮންގޮތަކަށްތޯ ވިދާޅުވެ ސްޕެއިންގެ ޚާރިޖީ ވަޒީރު ޖޯސޭ މެނުއަލް އަލްބަރެސް ބުއެނޯ ވާހަކަ ދައްކަވައިފިއެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމު ނިމުމަކަށް ގެނެވޭނެ ގޮތްތަކެއް ހޯދުމަށް 20 ގައުމަކާއި ސަރަހައްދީ ބައެއް ޖަމާއަތްތަކުގެ މަންދޫބުންނާއެކު މެޑްރިޑްގައި ފެށި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕެއިންގެ ޚާރިޖީ ވަޒީރު ވިދާޅުވީ އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހިސާބަށް މިހާރު ކަންތައް ގޮސްފައިވާ ކަމުގައެވެ.
އިސްރާއީލުން ޣައްޒާގައި ގަތުލުއާންމުތައް ހިންގާއިރު އިސްރާއީލަށް ފިޔަވަޅު ނާޅައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ރޫލް އޮފް ލޯ ގެ ނަމުގައި ދުނިޔޭގެ ފެންވަރުގައި ޔޫރަޕްގެ އިއްތިޙާދުން ވަކާލާތު ކުރާނީ ކޮންގޮތަކަށްތޯ އާއި މިހާލަތުގައި ޔޫރަޕްގެ ބަސް އަހާނީ ކޮންގައުމެއްތޯ ސްޕެއިންގެ ޚާރިޖީ ވަޒީރު ސުވާލު ކުރެއްވިއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަން އެނގޭއިރުވެސް ފާއިތުވި 20 މަސްތެރޭގައި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުން އޮތީ އެ ޖަރީމާތަކަށް ބީރު ކަންފަތަކާއި ކަނު ލޮލެއް ދީގެންނެވެ.
ނަމަވެސް ޔޫރަޕްގެ ގައުމުތަކަކީ އެހެން ގައުމަކުން މުޒާހަރާއެއްގައި މީހަކު ހައްޔަރުކޮށްލިޔަސް އަދި އެއް ޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ނުދީ އެފަދަ ބަދުއަޚުލާގީ ކަންކަމަށް އަދަބު ދިނަސް އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް ސިފަކޮށް ދުނިޔޭގެ ގައުމުތަކަށް ޑިކްޓޭޓްކޮށް ފިޔަވަޅު އަޅައި ބިރު ދައްކަމުންނެވެ. ގައުމުތައް އުޅެންވާ ގޮތާއި ނޫޅެންވާ ގޮތްތައް ބޮޑާކަމާއެކު އެހެން ގައުމުތަކަށް ޚާއްސަކޮށް ޔޫރަޕް ގަޔާ ނުވާ ގައުމުތަކަށް ބުނެއަންގައި ޑިކްޓޭޓް ކުރަމުންނެވެ.
ހުޅަނގުން ވަނީ މާ ކުދިކުދި ކަންކަމުގައިވެސް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި އެތައް ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. މީގެތެރޭގައި ހުޅަނގު ނުރުހޭ އަދި ހުޅަނގަށް ކިޔަމަންނުވާ ގައުމުތައް ކަމަށްވާ އީރާނާއި އުތުރުކޮރެޔާ އަދި ވެނެޒުއެލާ ފަދަ ގައުމުތައް ހިމެނެއެވެ.
މިއިން އެއްވެސް ގައުމަކީ އިސްރާއީލު ގޮތަށް އެެހެން ގައުމެއްގެ ނޫނީ ބައެއްގެ ބިންތައް ގަދަބާރުން ހިފައިގެން އެބައެއްގެ ނަސްލު ނައްތާލުމުގެ އެއްވެސް ޖަރީމާއެއް ހިންގާފައިވާ ގައުމުތަކެއް ނޫނެވެ. އަދި އިސްރާއީލު ހިންގާފަދަ ނަސްލު ނައްތާލުމުގެ ޖަރީމާތައް ވެސް ހިންގާ ގައުުމުތަކެއް ނޫނެވެ.
ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ އަޅާނުލައި ތިބޭތާ 20 މަހަށްފަހު ޔޫރަޕްގެ ގިނަ ގައުމުތަކަކުން މިހާރު ވަނީ އިސްރާއީލަށް ފާޑުކިޔައި އިސްރާއީލު ކުށްވެރި ކުރަން ފަށާފައެވެ. ނަމަވެސް އަދިވެސް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅަން ޔޫރަޕްގެ އިއްތިހާދަކަށް ނުކެރެއެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި މިފަހަކަށް އައިސް ޔޫރަޕުން އިސްރާއީލު ކުށްވެރިކޮށް ވާހަކަ ދައްކަން ފެށީ ދެ ކަމަކާ ގުޅިގެންނެވެ. އެއްކަމަކީ އިސްރާއީލުގެ ޔަހޫދީ ޓެރަރިޒަމަށް ވާގިވެރިވަމުން، އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕުން ދައްކާނެ ވާހަކައެއް ނޯންނެތީއެވެ. އަދި ޔޫރަޕުން އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކިނަމަވެސް އެކަން ގަބޫލުކުރާނެ ގައުމެއް ނޯންނާނެކަމުގެ އިހްސާސް ކުރެވުމެވެ. އެހެން އިބާރާތަކުން ބުނާނަމަ އިސްރާއީލުގެ ސަބަބުން ޔޫރަޕްގެ ލެބަރަލިޒަމް ފެއިލް ވަމުންދާކަމުގެ އިހްސާސް ކުރެވުމެވެ.
ދެވަނަ ކަމަކީ ހަމާސް ބަލި ނުކުރެވޭނެކަން މުޅިން ޔަގީންވުމެވެ. ޣައްޒާގެ ރައްޔިތުން ޑަޒަންޑަޒަނަށް މެރިކަމަށް ވިޔަސް އެމީހުން އެމީހުންގެ ވަޒަނުން ބޭރުކޮށް ނުލެވޭނެކަން ޔޫރަޕަށް މިހާރު އިހުސާސް ކުރެވުމެވެ.
ކުރިން ޔޫރަޕް އޮތީ އިސްރާއީލުން ލަސްތަކެއްނުވެ ހަމާސް ބަލިކޮށް ޣައްޒާގެ އާންމުން އެމީހުން ގެ ވަޒަނުން ބޭރުކޮށްލައިގެން ފަލަސްތީނު މައްސަލަ ހައްލުކުރެވޭނެކަމުގެ އުންމީދުގައެވެ. ޔޫރަޕް އޮތީ އިސްރާއީލަށް އެފުރުސަތު ދީގެންނެވެ. ނަމަވެސް އެއީ ނުވާނެކަމެއްކަމާއި ފަލަސްތީނުގެ ދައުލަތެއް އުފައްދައިގެން މެނުވީ ފަލަސްތީނުގެ މައްސަލަ ހައްލު ނުކުރެވޭނެކަން މިހާރު ޔޫރަޕަށް ކަށަވަރު ވެއްޖެކަމަށް މުހައްލިލުން ދެކެއެވެ.
އިސްރާއީލަށް މިހާރު އެންމެ ބޮޑަށް ފާޑުކިޔާ ޔޫރަޕްގެ ތިންގައުމަކީ އަޔަލޭންޑާއި ސްޕެއިން އަދި ފަރަންސޭސިވިލާތެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޕެރޭޒް މިދިޔަ ހަފްތާގައިވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންވެސްވަނީ އިސްރާއީލުން ޣައްޒާގެ އާންމުން މެރުމަށް ޚާއްސަކޮށްގެން ގަތުލުއާންމު ހިންގާކަމަށް ދާދި ފަހުން ވިދާޅުވެފައެވެ.
މިއީ ޔޫރަޕްގެ ދެ ލީޑަރަކު ނަމަވެސް މިހާ ފާޅުކަން ބޮޑު ގޮތެއްގައި އިސްރާއީލުގެ ޖަރީމާތައް ކުށްވެރިކުރެއްވި ފުރަތަމަ ފަހަރެވެ. ފަރަންސޭސި ރައީސް ވަނީ އަންނަ މަހު ފަލަސްތީނުގެ ދައުލަތަށް އެ ގައުމުން ރަސްމީ ސިފައެއްގައި އިއުތިރާފް ވާނެކަމަށް ވިދާޅުވެފައެވެ. ސްޕެއިން އާއި އަޔަލަންޑްވަނީ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފް ވެފައެވެ.