ދީޕިކާގެ ޑިމާންޑުތަކާ ހެދި ސަންދީޕް ރެޑީގެ ފިލްމު ބަތަލާއަށް ގެއްލިއްޖެ

ބަތަލާ ދީޕިކާ އަދި ފިލްމު ޑައިރެކްޓަރު ސަންދީޕް ރެޑީ--ފޮޓޯ/ޕިންކްވިލާ

ސައުތު ސިނަމާގެ އިތުރުން މިހާރު ބޮލީވުޑަށް ވެސް ތައާރަފްވެފައިވާ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕްރިޓް"އިން ބަތަލާ ދީޕިކާ ޕަދުކޯން ވައިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފިލްމަށް ސޮއިކުރުމަށް ދީޕިކާ އެއްބަސްވީ ވަރަށް ގިނަ ޝަރުތުތަކަކާ އެކުއެވެ. އޭގެތެރޭގައި ބަތަލާއަށް ފިލްމަށް ވަގުތު ދެވޭނީ އެންމެ އަށްގަޑިއިރު ކަމަށާއި އޭގެތެރެއިން ފިލްމުގެ ޝޫޓިންގްތައް ކުރިއަށް ގެންދެވޭނީ އެންމެ ހަ ގަޑިއިރު ކަމަށް ވަނީ ބުނެފައެވެ.

މި ޝަރުތުތަކާ އެކު ދީޕިކާ ފިލްމަށް ކިޔުނު އަގަކީ (2.3 މިލިއަން ޑޮލަރު)ގެ އިތުރުން ފިލްމު ސިނަމާތަކުގައި ދައްކައިގެން ލިބޭ ފައިދާގެ ބައި އަޅަން ބަތަލާ ވަނީ އެދިފައެވެ. މީގެ އިތުރުން ދީޕިކާ ވަނީ ފިލްމުގެ ބައެއް ޑައިލޮގްތައް ތެލުގޫ ބަހުން ހުށަހެޅުމަށް ވެސް ދެކޮޅުހަދާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޝަރުތުތަކާ އެކު ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމުން އެންމެފަހުން ދީޕިކާއަށް ޖެހުނީ ފިލްމު "ސްޕިރިޓް" ދޫކޮށްލަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދީޕިކާ ފިލްމީ ތަރި ޕްރަބާސްއާ އެކު--ފޮޓޯ/ޕިންކްވިލާ

މީގެކުރިން ވެސް ޕްރަބާސްއާ އެކު ބޮޑު ބަޖެޓު ފިލްމެއްގައި މަސައްކަތްކުރި ބަތަލާ ދީޕިކާ ސަންދީޕްގެ ފިލްމަށް ހުށަހެޅި އަގަކީ މިހާތަނަށް ކެރިއަރުގައި ފިލްމަކަށް ހުށަހެޅި އެންމެ ބޮޑު އަގެވެ.

ދީޕިކާ ފިލްމުން ވަކިވުމާ ގުޅިގެން ސަންދީޕް ވަނީ "ސްޕިރިޓް"ގެ ބަތަލާގެ ރޯލަށް އެހެން ފިލްމީ ތަރިއަކު ގެންނަން ނިންމާފައެވެ. ފިލްމު "އެނިމަލް" އަދި "ކަބީރު ސިންގް"ގެ ޑައިރެކްޓަރު ފިލްމު "ސްޕްރިޓް" އުފައްދަން އެންމެ ފުރަތަމަ ވެސް ބޭނުންވީ ދީޕިކާ ފިލްމުގެ ކާސްޓުގައި ހިމަނައިގެންނެވެ.

ސަންދީޕް ދީޕިކާއަށް މި ފިލްމު ހުށަހެޅިއިރު ބަތަލާ އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ. ނަމަވެސް ސަންދީޕް ވަނީ ދީޕިކާ ވިހައި ގަދަވެ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަންދެން މި ފިލްމުގެ މަސައްކަތް މަޑުޖައްސާލާފައެވެ.

ސަންދީޕް ދީޕިކާއަށް ކުރި އިންތިޒާރު އެންމެފަހުން ބޭކާރުވެ ވަރަށް ގިނަ ވަގުތު މި ފިލްމަށް ބޭކާރުގޮތުގައި ހޭދަވެއްޖެ ކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން މީޑީއާގައި ވަނީ ބުނެފައެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު ބޫޝަން ކުމާރާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ކުރިއަށް އޮތް ދެ ތިން މަސްތެރޭ "ސްޕްރިޓް"ގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު އުއްމީދަކީ 2027ގައި ބެލުންތެރިންނަށް ފިލްމު ގެނެސްދިނުމަށް ކަމަށެވެ.

comment ކޮމެންޓް