މިދިޔަ އަހަރު ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ބާލާޖީން އިއުލާނުކުރި ފޯކް ތުރިލާ ފިލްމު "ވަން: ފޯސް އޮފް ދަ ފޮރެސްޓް"ގެ އަންނަ އަހަރުގެ މެއި މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ ފިލްމީ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އަދި ތަމަންނާ ބާޓިއާ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނުން ފެންނާނެ ފިލްމެވެ.
ދީޕަކް މިޝްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައި މި ވަނީ ފިލްމު މި އަހަރުތެރޭ ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
ބާލާޖީ މޯޝަން ޕިކްޗާސް އާއި ދަ ވައިރަލް ފީވަ ގުޅިގެން ގެނެސްދޭ މި ފިލްމަކީ އިންޑިއާގެ ތާރީޚީ ވާހަކަތަކެއް ގެނެސްދީ އިންޑިއާގެ ބިޔަ ޖަންގަލިތަކުގައި ފޮރުވިފައިވާ ސިއްރުތަކާއި އެކު ތާރީޚީ ގޮތުން އެ ޖަންގަލިތަކާ ހުރި ގުޅުން ކިޔައިދޭނެ ފިލްމެކެވެ.

ސިދާތު މަލްހޯތުރާ އަދި ބަތަލާ ތަމަންނާ--ފޮޓޯ/ޕިންކްވިލާ
މި އަހަރުގެ ޖޫން މަހު ފިލްމު "ވަން: ފޯސް އޮފް ދަ ފޮރެސްޓް"ގެ ޝޫޓިންގް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.
ސައުތު ސިނަމާގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނޭ ތަމަންނާއާ އެކު ސިދާތު ފެންނަ މި ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ 15ގައެވެ.
ތަމަންނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި ތެލުގޫ ފިލްމު "އޮޑެލާ 2"އިންނެވެ. ތަމަންނާގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ ނެޓްފްލިކްސްއިން މިދިޔަ އަހަރު ގެނެސްދިން "ސިކަންދަރު ކާ މުގައްދަރު"އެވެ.