ފުރަތަމަ ފަހަރަށް ސައުދީ އަރަބިިއްޔާގައި، ދިވެހި ހައްޖުވެރިންނަށް ފަރުވާ ދިނުމަށްޓަކައި ކްލިނިކެއް ގާއިމުކޮށްފިއެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ހަ ވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވީ ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި، ހައްޖު މޫސުމުގައި ޚާއްސަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ދިވެހި ހައްޖު މިޝަންއަށް ރަސްމީކޮށް ހުއްދަދީފައިވާ ކަމަށެވެ. އެއާއެކު ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމަކާއެކު ކްލިނިކެއް މިހާރު ގާއިމުކޮށްފައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ދިވެހި ހައްޖުވެރިންނަށް ޚާއްސަ ކްލިނިކް ހެދުމުގެ ތެރެއިން: ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހި ހާޖީންނަަށް ރަސްމީކޮށް ކްލިނިކް ގާއިމު ކުރެވިފައި ވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އެ ކްލިނިކްގައި ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަަލަކާ ގުޅިގެން ރަސްމީކޮށް ކްލިނިކު ގާއިމުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ލުއި ގޮތްތަކެއް ހޯދައިދީފައެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ހައްޖުވެރިންނަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި، މި އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެއެވެ.
މި އަހަރު ރާއްޖޭން ހައްޖަށްދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26ގައި ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.