ފޭކް ޕޭ ސްލިޕް ފޮނުވައިގެން އޯޑަރަށް ކެއުންތައް ގެނައި މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި

ރެސްޓޯރެންޓްތަކާއި ކެފޭތަކުން ގެތަކަށް ކާބޯތަކެތި ޑެލިވަރީ ކޮށްދޭ އެޕްލިކޭޝަނެއް މެދުވެރިކޮށް އެތައް ދުވަހެއްގެ މަތިން ކާބޯތަކެތި ގެނެސް, ފައިސާ ދެއްކި ކަމަށް ބުނެ ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައިގައި ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވަނީ, ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުޙައްމަދު ހާޝިމްއެވެ. އޭނާއަކީ މީގެ ކުރިން ވެސް މިފަދަ ގިނަ މައްސަލަތަކެއް ތުހުމަތު ކުރެވިފައިވާ މީހެކެވެ.

އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ, ތަފާތު އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި ފޮނުވާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޒައިދާނަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކިއެކި މަކަރާއި ހީލަތުގެ ސްކޭމްތައް މީނާ ހިންގާފައިވާ ކަމަށް, މީގެ ކުރިން ވެސް ނޫސްތަކުގައި ރިޕޯޓް ކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ފިހާރަތަކުން އޮޅުވާލައިގެން މުދާ ނެގުން ފަދަ ކަންކަން ހިމެނެއެވެ.

އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހުން މީނާ ހޯދަން ވެސް އިއުލާން ކުރިއެވެ. އެއީ ވެސް މިފަދަ މައްސަލައެއްގައި ސިވިލް ކޯޓުން ކުރި އަމުރެއް ތަންފީޒު ކުރުމަށްޓަކައެވެ. އަދި މީގެ ކުރިން މިފަދަ މައްސަލަތަކުގައި މީނާ ހައްޔަރު ކޮށްފައި ވެސް އެބަހުއްޓެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހުކުރު ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

comment ކޮމެންޓް