ޢީދު ބަންދުގައި ސްކޭމްގެ 35 މައްސަލަ: 270،000 ރުފިޔާ ގެއްލުނު

މީހަކު ދެ ފޯނު ހިފައިގެން: އީދު ބަންދުގައި ސްކޭމްގެ 35 މައްސަލަގައި ތިން ލައްކައެއްހާ ރުފިޔާ ގެއްލުނު ---- ސަން ފޮޓޯ

ޢީދު ބަންދުގައި ސްކޭމްގެ 35 މައްސަލަ ހުށަހެޅިއިރު، އެ ހަފުތާގައި އެކަނި ތިން ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އާންމުވެފައިވާއިރު، އެފަދަ މައްސަލަތަކަށް ސަމާލުވުމަށް އަބަދު ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

އެހެންވެ، އެފަދަ މައްސަލަތައް ޚާއްސަކޮށް، ފުލުހުން ސެންޓަރެއް އުފެއްދީ މިދިޔަ މާރިޗު 17 ގައެވެ.

އެގޮތުން، މި މަހު ތިނަކުން މި މަހުގެ ނުވައެއްގެ ނިޔަލަށް ސްކޭމްގެ 35 މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅިއެވެ. އެ ސްކޭމްތަކުގައި ޖުމުލަ 270,270.58 ރުފިޔާ ގެއްލުނުއިރު، އަނބުރާ ހޯދުނީ 75،776.29 ރުފިޔާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

އެ ސެންޓަރުން ބުނި ގޮތުގައި، ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ވައިބާއާއި ފޭސްބުކް މާކެޓް ޕްލޭސްގައެވެ.

އެހެންކަމުން، އެ ސެންޓަރުން ވަނީ، އެ މާކެޓު ޕްލޭސްތައް ބޭނުންކުރުމުގައި ސަމާލުވުމަށާއި އޯޓީޕީއާއި ޕާސްވޯޑުތައް ހިއްސާނުކުރުމަށް އެދިފައެވެ. އަދި، ސްކޭމް މައްސަލައަކަށް ޝައްކުވާ ހިސާބުން އަވަހަށް އެކަމެއް ރިޕޯޓުކުރުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

މިދިޔަ މެއި 26 ގައި ފުލުހުން ބުނީ، މަކަރާއި ހީލަތް ހަދައިގެން ހިންގި ސްކޭމްތަކުގައި މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 2.5 މިލިއަން ރުފިޔާ ގެއްލުނު ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ހޯދުނީ ހަތް ލައްކަ ރުފިޔާ ކަމަށެވެ.

https://sun.mv/206533

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ކުރިން ޕޮލިސް ސާޖަންޓް ފާތިމަތު ލިއުޝާ ވިދާޅުވި ގޮތުގައި، ސްކޭމްގެ މައްސަލަތަކުގައި ފައިސާ ދައުރުކޮށްފައި ހުންނަ އެކައުންޓުތައް ކޯޓު އަމުރަކާ ނުލައި ފްރީޒްކުރުމުގެ ބާރު ފުލުހުންނަށް އޮވެއެވެ. އަދި، ދީފައި އޮންނަ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުހޯދިއްޖެނަމަ ކޯޓު އަމުރަކަށް އެދެން ޖެހޭކަން އޭރު ލިއުޝާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް