މާދަމާ ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދިވެހި ހައްޖާޖީންގެ ބަސް ދަތުރުތައް ކަނޑައަޅައި، ދަތުރު ފެށުމުގެ 15 މިނެޓު ކުރިން ބަސް ހުއްޓިތަކުގައި ތިބުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.
ހައްޖުވެރިން މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ ހުކުރުގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުވެރިން މާލެއިން ފުރުމަށް ހަމަޖެހިފައިވާ ބަސް ރޫޓު ހާމަކޮށްފައެވެ.
އަމީނީ މަގު ރޫޓު
- 10:30 - ނޫސަންދަ ބަސް ހުއްޓި
- 10:35 - މީރާ ބަސް ހުއްޓި
- 10:40 - ސްޓެލްކޯ ބަސް ހުއްޓި
މަޖީދީ މަގު ރޫޓް
- 10:30 - ސޯޝަލް ސެންޓަރު
- 10:35 - ކަލަ ބޭންކް
- 10:40 - ވިލާ މާޓް
- 10:45 - ޒިކުރާ މިސްކިތް
- 10:50 - މާލޭ ގްރޭންޑް
- 10:55 - ސިޓީ ކައުންސިލް ޕާކިން
- 11:00 - ހީނާމާގޭ ޕާކިން
- 11:05 - ދަމަނަ ވެށި
އޯކިޑް މަގު
- 10:30 - ގަޑިބުރު
- 10:35 - ވެމްކޯ ޝޯރޫމް
ހުޅުމާލޭގެ ބަސް ރޫޓް 1 (ފުރަތަމަ ފިޔަވަހި)
- 10:30 - އެން2 ބަސް ސްޓޮޕް 5
- 10:40 - އެން2 ބަސް ސްޓޮޕް 6
- 10:55 - ސިފްކޯ ހިޔާ ބަސް ސްޓޮޕް (ރީތިގަސް މަގު)
ހުޅުމާލޭ ބަސް ރޫޓް 2 (ދެވަނަ ފިޔަވަހި)
- 10:30 - ބަސް ސްޓޮޕް 1، އެޗް12
- 10:40 - ބަސް ސްޓޮޕް 2، އެޗް16
- 10:45 - ބަސް ސްޓޮޕް 1، އެޗް9
- 10:50 - ވިނަރެސް 4 (ސޮނީ ސްޕޯޓްސް)
- 10:55 - އެމްޕީއެލް ބަސް ސްޓޮޕް
- 11:00 - އެސްޓީއޯ ބަސް ސްޓޮޕް
- 11:10 - ރެއިން ކްރެސްޓް (އެމްއެޗްއޭ މާޓް، ރީތިގަސް މަގު)
އިސްލާމިކް މިނިސްޓްރީން އެދިފައިވަނީ ހުރިހާ ހައްޖާޖީން ވެސް 15 މިނެޓު ކުރިން ބަސް ހުއްޓިތަކުގައި ތިބުމަށެވެ.
ފުލުހުން ވެސް ވަނީ މާދަމާ ހެނދުނު 10:30އިން ފެށިގެން ހައްޖުވެރިންގެ ބަސް ދަތުރުތައް ކުރާނެ މަގުތައް ފާހަގަކޮށް، އެ ގަޑިތަކުގައި ޓްރެފިކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހައްޖުވެރިން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާއިރު، އެ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހިދާނެތީ ސަމާލުވާން ފުލުހުން ވަނީ އެދިފައެވެ.
އަދި ހައްޖުވެރިންނާއެކު އެއާޕޯޓަށް ދާ ގާތްތިމާގެ މީހުންނާއި، އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައިވެއެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ހަ ވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ.
ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ހައްޖުވެރިންނަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ހަމަޖައްސައިދީފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި، މި އަހަރު ރާއްޖެ ހިމަނަން ސައުދީ ސަރުކާރުން ނިންމާފައިވުމާއެކު ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިންނަށް މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭނެއެވެ. އޭރުން ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެއެވެ.
މީގެ އިތުރުން، ދިވެހި ހައްޖުވެރިންނަށް ފަރުވާ ދިނުމަށްޓަކައި މިފަހަރު ސައުދީ އަރަބިއާގައި ވަނީ ކްލިނިކެއް ގާއިމުކޮށްފައެވެ. މިއީ ސައުދީގައި ދިވެހި ހައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ހުޅުވި ފުރަތަމަ ފަހަރެވެ.