ދެމަސް ތެރޭ، ޚަލީލް އަނެއްކާ ވެސް އިންޑިއާއަށް

ފޮރިން މިނިސްޓަރު ޚަލީލް، އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ ބައްދަލުކުރައްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް, ރަސްމީ ދަތުރުފުޅެއްގައި އަނެއްކާ ވެސް އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ޚަލީލް ވަނީ މީގެ ދެމަހެއްހާ ދުވަސްކުރިން މާޗު މަހުގެ 16 ވަނަ ދުވަހު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅު ކުރެއްވީ އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ރައިސީނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ދަތުރުފުޅުގެ ތެރެއިން ޚަލީލް ވަނީ, އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވައިފައެވެ.

ދިވެހި ސަރުކާރުގެ އިސް ވަފުދަކާއެކު ޚަލީލް މިއަދު ވަނީ އިންޑިއާއަށް ދަތުރުފުޅެއް ފައްޓަވައިފައެވެ. ފޮރިން މިނިސްޓްރީން ބުނީ މިއީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅަކީ މާދަމާ ރާއްޖެ އާއި އިންޑިއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޚަލީލް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުން ތަކެކެވެ. އެ ގޮތުން އިގްތިސާދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިންގް އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ނިންމައިފައެވެ.

މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު މާލޭގައެވެ.

މިނިސްޓަރު ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާއީ ވުޒާރާ، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިގުތިސާދީ ތަރައްގީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށް ފަހު ދެ ގައުމުގެ ގުޅުން މިހާރު ވަނީ ބަދަހިވާން ފަށައިފައެވެ. މި ފަހުން ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ.

comment ކޮމެންޓް