މީގެ 10 އަހަރުކުރިން، 2015ވަނަ އަހަރު މަލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު މަރުވި މައްސަލައިގައި، ސައިކަލު ދުއްވަން އިން ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.
މި ހާދިސާގައި މަރުވީ ހއ. ހޯރަފުށީ ގާތުގިރި އަޒްލީލާ އަލީއެވެ. މަރުވި އިރު އޭނާގެ ބަނޑަށް ދޮޅު މަހެވެ.
އޭނާ މަރުވީ، ފެބްރުއަރީ 25، 2015ވަނަ ދުވަހުގެ ހެނދުނު 07:10 ހާއިރު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މާފަންނު ކެނެރީ މަގުގައި ލައިސެންސް ނެތި ސައިކަލު ދުއްވި އާލިމްގެ ސަބަބުން ކަމަށް ހައިކޯޓުން މިރޭ ވަނީ ނިންމައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.
މި މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީއާއި، ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.
ޝަރީއަތުގައި ފަނޑިޔާރު ފަރްހީޒާ ވިދާޅުވީ އެ މައްސަލައިގައި ހުށަހެޅުނު ހެކިތަކުން އާލިމްއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އެއްގޮތަކަށް ވެސް ނެތް މީހެއްކަން އެނގިފައި ވާކަމަށެވެ. އަދި އޭނާގެ އެ އަމަލަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެ ބާވަތުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާން އެކަށީގެންވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުންނާއި، ލިބިފައިވާ ގެއްލުމަށް ބަލާއިރު، އޭނާ ދުއްވާފައި ވަނީ ބާރު ސްޕީޑުގައިކަމަށް ބުރަވެވޭތީއާއި، ލިބުނު އަނިޔާއާއި ގެއްލުންތަކަށް ރިއާޔަތްކުރާއިރު އާލިމްގެ ފަރާތުން ކޮށްފައިވާ ނުރައްކާތެރި އަމަލުތަކަކީ އެ ހާދިސާގައި މަރުހޫމާގެ ފުރާނަ ދިޔުމުގައި "އޮޕަރޭޓިން އެންޑް ސަބްސްޓެންޝަލް" ސަބަބުކަމުގައި ބެލެވޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅައިފައެވެ.
"އެހެންކަމުން ކޯޒޭޝަންގެ ރުކުން މި ދައުވާގައި ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމުގައި ދެކެން،" ފަނޑިޔާރު ފަރްހީޒާ ވިދާޅުވިއެވެ.
ނަމަވެސް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އާލިމްގެ އަމަލުތަކުގައި މީހަކު މެރުމުގެ ގަސްތެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ފަނޑިޔާރު ފަރްހީޒާ ވިދާޅުވިއެވެ. އަދި އޭނާގެ އެ އަމަލަކީ ގަސްތުގައި އަނިޔާއެއްް ދިނުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމުގައި ވެސް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް ބުނެވުނު ވާގިއާތަކަށް ބަލާއިރު އަލީ އާލިމްގެ މި އަމަލުތަކުގެ ސަބަބުން ވި އެކްސިޑެންޓުގައި އަޒްލީލާ އަލީ ވަނީ ނިޔާވެފައި" ފަނޑިޔާރު ފަރްހީޒާ ވިދާޅުވިއެވެ.
އާލިމްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އޭނާއަށް އެއްވެސް އަދަބެއް ކަނޑައެއް ނާޅައެވެ.
ދައުލަތުގެ ފަރާތުން ވަކީލު ވަނީ އަދަބު ކަނޑައެޅުމުގެ ކުރިން އެއް ދުވަސް އިތުރަށް ދިނުމަށް އެދިވަޑައިގެންފައެވެ. އެއާއެކު ޝަރީއަތުގެ މަޖިލިސް ވަނީ މެދުކަނޑާލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަލީ އާލިމްއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު ކާރެއްގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގަިއ އާލިމް ހިމެނެއެވެ. އެ ކާރުގެ ތެރެއިން 106 ބަނގުރާ ފުޅި ފެނިފައިވެއެވެ. އޭރު އޭނާ ހަތް ދުވަހަށް ބަންދުކުރިއެވެ.