ހިފާފައިވާ ފަލަސްތީނު ސަރަހައްދުތަކުގައި ހުރި އިސްރާއީލުގެ ކުންފުނިތަކާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލަން ގާނޫނެއް ފާސްކުރަން ނިންމާފައިވާ ކަމަށް އަޔަލޭންޑުގެ ބޮޑުވަޒީރުގެ ނާއިބު އަދި ފޮރިން އެފެއާޒް، ޓްރޭޑް، އެންޑް ޑިފެންސް މިނިސްޓަރު ސައިމަން ހެރިސް އިއުލާނުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހެރިސް ވިދާޅުވީ އާ ގާނޫނާ ގުޅޭގޮތުން ރަސްމީ ނިންމުމެއް އަޔަލޭންޑް ސަރުކާރުން އަންގާރަ ދުވަހު ނިންމާނެ ކަމަށާއި ޖޫން މަހު ފޮރިން އެފެއާޒް ކޮމިޓީން ބިލް މުރާޖައާ ކުރަން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހެރިސް ވަނީ އިސްރާއީލުން ފަލަސްތީނު ސަރަހައްދުތަކުން ހިންގަމުންދާ ޖަރީމާތަކާއި، ކުޑަކުދިން ބަނޑަށް ޖައްސައި ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކާބޯތަކެތި ބޭނުންކުރުން ކުށްވެރިކުރައްވާފައެވެ.
ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާއި އިންސާނީ އެހީ ލިބޭނެ ގޮތް ހެދުމަށް ބައިނަލްއަގްވާމީ ގޮތުން ވަރުގަދަ މަސައްކަތްތަކެއް ކުރުމަށްވެސް ހެރިސް ގޮވާލެއްވިއެވެ.
އީޔޫ އާއި އިސްރާއީލް އެސޯސިއޭޝަން އެގްރީމަންޓް މުރާޖައާ ކުރަން ޔޫރަޕިއަން ޔޫނިއަނުން ދާދި ފަހުން ނިންމި ނިންމުމަށް ތާއިދުކުރައްވައި ހެރިސް ވަނީ އެކަމަށްވެސް މަރުހަބާ ދަންނަވާފައެވެ.
ނަމަވެސް ހަމައެކަނި މުރާޖާ ކުރުމަކުން ނުފެދޭ ކަމަށާއި އެއްބަސްވުން ސަސްޕެންޑު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ސޮއިކޮށް، 2000 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އަމަލުކުރަމުން އަންނަ އީޔޫ-އިސްރާއީލް އެސޯސިއޭޝަން އެގްރީމަންޓަކީ ދެ ފަރާތުގެ ސިޔާސީ، އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކުގެ ގާނޫނީ ބިންގާއެވެ.