އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި ބޭއްވުމާ ދެކޮޅަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ އެކްޓިވިސްޓުންގެ ކޯލިޝަނަކުން ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ޔޮޓު "މެޑްލިން" ހުއްޓުވައި އިސްރާއީލު ސިފައިން ބޯޓަށް އަރައި އޭގައި ތިބި މީހުން ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.
އެ ޔޮޓު ހުއްޓުވާނެ ކަމަށް އިސްރާއީލުން މީގެކުރިން ވަނީ އިންޒާރުދީފައެވެ.
ފަލަސްތީނަށް ތާއީދުކުރާ ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ) އިން ހިންގާ އިނގިރޭސި ދިދަ ޖަހާފައިވާ ޔޮޓު މިދިޔަ ހަފްތާ އިޓަލީގެ ސިސިލީން ފުރިއިރު، މިސްރު ހުރަސްކޮށް ޣައްޒާއާ ވަރަށް ކައިރިއަށް ދަތުރުކުރެވިފައިވާ ކަމަށް މީގެ ދެ ދުވަސް ކުރިން ވަނީ ބުނެފައެވެ.
ބާރަ މީހުން ދަތުރުކުރި އެ ޔޮޓުގައި ސްވިޑެންގެ ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓު ގްރެޓާ ތަންބާގް އާއި ޔޫރަޕިއަން ޕާލަމެންޓްގެ ފްރާންސްގެ މެމްބަރެއް ކަމަށްވާ ރީމާ ހަސަން ވެސް ހިމެނެއެވެ.
"އިސްރާއީލު ސިފައިން ވަނީ މެންދަމު ދޭއް އެހާކަންހާއިރު ފްރީޑަމް ފްލޮޓިލާގެ ފަޅުވެރިން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ހައްޔަރުކޮށްފައި،"
އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޔޮޓު ސަލާމަތުން އިސްރާއީލުގެ އައްސޭރިފަށަށް ދަތުރުކުރަމުންދާ ކަމަށެވެ.
އަދި ޔޮޓުގައި ތިބި ފަޅުވެރިން އެނބުރި އެ މީހުންގެ ގައުމުތަކަށް ދާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އިސްރާއީލު ސިފައިން ބޯޓަށް އެރީ މުއާސަލާމަތީ ހުރިހާ ހިދުމަތެއްގެ ސިގްނަލްތައް ބްލޮކް ކުރުމަށް ފަހު ޑްރޯންތަކާއި ޕެޓްރޯލް ބޯޓުތައް ގޮސް އުޅަނދު ހުއްޓުވުމަށް ފަހުގައެވެ.
އެއެފްސީއިން ބުނި ގޮތުގައި ބޯޓުގައި ތިބި ހުރިހާ ވޮލަންޓިއަރުން، އިސްރާއީލުން ވަނީ ރަހީނުކޮށްފައެވެ. އަދި އެ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ މީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކުން މަސައްކަތްކުރުމަށް އެދިފައިވެއެވެ.
ހަމާސްއަށް ޕްރެޝަރު ކުރުމުގެ ގޮތުން އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ގާތްގަނޑަކަށް 10 ހަފްތާގެ މުއްދަތަކަށް ހުއްޓުވާފައެވެ. ނަމަވެސް މިދިޔަ ހަފްތާއިން ފެށިގެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދޭން ވަނީ ފަށާފައެވެ.
ކަނޑުމަގުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެފްއެފްސީ ފްލޮޓިލާއިން މިދިޔަ މަހު ވެސް މަސަތްކަތްކުރިއެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވީ މޯލްޓާގެ ކަނޑުގެ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުން ދަނިކޮށް އެ ޖަމާއަތުގެ އެހެން އުޅަނދަކަށް ދެ ޑްރޯނުން ހަމަލާދިނުމުންނެވެ. އެ ޖަމާއަތުން ވަނީ ހަމަލާދީނީ އިސްރާއީލުން ކަމަށް ތުހުމަތުކޮށްފައެވެ.