ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ދިވެހި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެ ފަހުމުނާމާގައި ރާއްޖޭގެ އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ. އަދި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ޗެއާމަން ޑރ. ރާއިދު މަހުމޫދު ރަދުވާނެވެ.
އޭސީސީން ބުނީ އެ ފަހުމުނާމާގައި ސޮއިކުރީ "ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025"ގެ ތެރެއިންނެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުންދިނުމާއި، މަޢުލޫމާތާއި ތަޖުރިބާއާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އެއް ކޮމިޝަނުން އަނެއް ކޮމިޝަނަށް ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ، ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދީ އެންޓި ކޮރަޕްޝަން ބޯޑެކެވެ. އޭޕްރީލް 21، 1991ގައި އެ ބޯޑު އުފައްދާފައި ވަނިކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އުފެއްދީ ގާނޫނީ ހައިސިއްޔަތާއެކު 2008ގައެވެ.

ފަލަސްތީނާއެކު އެއްބަސްވުމުގައި ސޮއިކުރުން: އެ އެއްބަސްވުމުގެ ދަށުން އެއް ކޮމިޝަނުން އަނެއް ކޮމިޝަނަށް ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ -- ފޮޓޯ/ އޭސީސީ
ސަރުކާރުގެ ފައިސާއަށާއި ތަކެއްޗަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި އެނޫނަސް ގާނޫނާއި ގަވާއިދު ހުއްދަ ނުކުރާ ގޮތްގޮތުން އަމިއްލަ ފައިދާ ހޯދުމާއި، ވަކި މީހަކަށް ނުވަތަ ބަޔަކަށް ނުހައްގު ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަންތައްތަކާ ބެހޭ ޝަކުވާތައް ބެލުން، އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.
އޭސީސީން މިފަހުން، ނަޒާހަތްތެރިކަން ވަރުގަދަ ކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ސައުދީ އަރަބިއްޔާ ގުޅިގެން ބައިނަލްއަގުވާމީ ފޯރަމެއް ބާއްވައިފައިވެއެވެ.
މެއި މަހު ބޭއްވި އެ ފޯރަމްގައި ފާސްކުރި ހުށަހެޅުންތައް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ހުށަހަޅައިފައިވާއިރު، އޭގެ މަގުސަދަކީ ފޯރަމުގައި ހުށަހެޅި ޚިޔާލުތައް އޯއައިސީގެ ގައުމުތަކުގެ މުއައްސަސާތަކުގެ ތެރެއަށް ތައާރަފުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުން ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ފަސް މެންބަރުން ހިމެނޭ އޭސީސީން ކޮންމެ ސަރުކާރެއްގައި ވެސް، އެ ސަރުކާރަކާ ގުޅުންހުރި މައްސަލަތައް ބެލުމުގައި ފަސް ޖެހޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިމަހުގެ 14 ވަނަ ދުވަހު ވަކިކޮށްފައިވާ ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ އޭސީސީގެ ރައީސް ޝާމިލް އެ ކޯޓުގެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލަ ބަލަން އޭސީސީން ރެޖިސްޓާކޮށްފައި ވެސްވެއެވެ.
އަޒްމިރަލްދާ އެ މައްސަލަ ހުށަހެޅުއްވީ، އޭސީސީން އެކަމަނާގެ މައްސަލައެއް ބަލާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގުމުން، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި އަޒްމިރަލްދާ ސަސްޕެންޑުކުރުމާ ގުޅިގެންނެވެ.