ދިވެހި ހައްޖުވެރިންނަށް ލުއިކޮށްދިނުމަށް ޓަކައި، 'މައްކާ ރޫޓް އިނިޝިއޭޓިވް'ގައި މިއަހަރު ރާއްޖެ ހިމަނައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިފްތިތާހުކޮށްދެއްވައިފިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ.
ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވެގެންދާނެއެވެ.
މިއަދު ވަނީ މިއަހަރުގެ ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕް ފުރައިފައެވެ. ފުރަތަމަ ގްރޫޕުގައި ހިމެނެނީ 234 ހައްޖުވެރިންނެވެ.
ރައީސްގެ ދެކަނބަލުން ވަނީ އެ ހައްޖުވެރިންނާއި ބައްދަލުކުރައްވައިފައެވެ.

ދިވެހި ހައްޖުވެރީންނަށް ލުއިކޮށްދިނުމަށްޓަކައި މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި: ރައީސްގެ ދެކަނބަލުން ވަނީ ހައްޖުވެރިންނާއި ބައްދަލުކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި، ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރެއްވި ބުރަ މަސައްކަތުން ދިވެހި ހައްޖާޖީންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބުނު ދުވަހެއް ކަމަށެވެ.
"އިއްޒަތްތެރި ރައީސް މި ކަމުގައި ދެއްވި އެއްބާރުލެއްވުމަށް، އަމުދުން މައްކާ ރޫޓު ތަންފީޒުކުރެއްވުމަށް ޓަކައި ރައީސް ބެހެއްޓެވި ގާތްކަމާއި، ދެއްވި އެއްބާރުލެއްވުމަށް މިނިސްޓްރީގެ ފަރާތުން ވަރަށް ޚާއްސަ ޝުކުރެއް އަރިސްކުރަން،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މައްކާ ރޫޓް އިނިޝިއޭޓިވްގައި ބައިވެރިވެވެނީ އެތައް ޝަރުތުތަކެއް ހުރެގެން ކަމަށެވެ. އޭގެ ތެރޭގައި އެތައް ހާސް ފަތުރުވެރިންނެއް އެ ގައުމަކުން ދާ ގައުމުތައް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. ނަމަވެސް މިއީ އެ ހުރިހާ ޝަރުތަކުން އިސްތިސްނާކޮށް، ސައުދީ ސަރުކާރުން ރައީސް މުއިއްޒަށާއި، ރައްޔިތުންނަށް ދެއްވި ޚާއްސަ ހަދިޔާއެއް ކަމަށް ވިދާޅުވިއެވެ.
"މެލޭޝިއާ، އިންޑޮނޭޝިއާ، ޕާކިސްތާނު، ތުރުކީ. އަޅުގަނޑުގެ މައުލޫމާތު ކުށް ނޫންނަމަ މީގަ ހިމެނެންޖެހޭ 20،000 ހައްޖުވެރިން އެގައުމެއްގައި ތިބުން. އެކަމު އަޅުގަނޑުމެންނަށް އެ ހިސާބަށް ދެވޭނެ ދުވަހެއް ނޭނގޭ. އެހެންނަމަވެސް ދިވެހިރާއްޖެ މީގަ ހިމެނިފައި މިވަނީ އެހެން ގައުމުތަކާ ކުރެވޭ މުއާމަލާތްތަކުން އިސްތިސްނާކޮށް، އެއްވެސް އެގްރިމަންޓެއް ނެތި، ރާއްޖެއަށް ދެއްވި ޚާއްސަ ހަދިޔާއެއްގެ ގޮތުގައި،" ޝަހީމް ވިދާޅުވިއެވެ.
ދިވެހި ހައްޖުވެރީންނަށް ލުއިކޮށްދިނުމަށްޓަކައި މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވައިފި -- ފޮޓޯ/ ރައީސް އޮފީސް
މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވުމަށް ފަހު ދެ ހައްޖުވެރިއަކަށް ރައީސްގެ ދެކަނބަލުން ވަނީ ޕާސްޕޯޓު ހަވާލުކޮށްދެއްވައިފައެވެ.
މި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފްދެއް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ޚިދުމަތްތައް:
1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓާމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓާ ކުރެވި، ބޯޑިން ޕާސް ވަގުތުން ލިބުން.
3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓާމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
4. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ސަޢޫދީ ޢަރަބިއްޔާ އެއާޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. ޙައްޖުވެރިންގެ ފޮށިތައް އެއާޕޯޓުން ލިބެންދެން އެރައިވަލް ޓާމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ފަސްވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ.