އިންޑިއާގެ ލަކްޝަދީބުގައި އޮންނަ މަލިކު މީހުން ވާހަކަ ދައްކާ މަހަލް ބަސް ނުވަތަ ދިވެހި ބަސް ސްކޫލުގައި ކިޔަވައިނުދޭން އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމުމާ އެކު، މަލިކު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.
މިކަން ގިނަ ބައެއްގެ ސަމާލުކަމަށް އައީ، މުފީދުއްދީން ނަމަކަށް ކިޔާ މީހަކު އިންސްޓަގްރާމުގައި ޕޯސްޓުކުރި ވީޑިއޯއެއްގެ ސަބަބުންނެވެ.
މި ވީޑިއޯގައި ވާހަކަ ދައްކަމުން އޭނާ މިކަން ސިފަކުރީ، މިއީ މަލިކު މީހުންގެ ސަގާފަތް ފޮހެލުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އަދި މިއީ ހަމައެކަނި އެމީހުންގެ ތައުލީމީ ނިޒާމަށް ދޭ ހަމަލާއެއް ނޫންކަމަށާއި މިއީ އެމީހުންގެ ސަގާފަތާއި އެމީހުންގެ ނަސްލަށް ދޭ ހަމަލާއެއް ކަމަށް އޭނާ ބުނެއެވެ.
މިކަމާ ގުޅިގެން އިންޑިޔާގެ މަޖިލީހުގައި މަލިކާއެކު މުޅި ލަކްޝަދީބު ތަމްސީލުކުރައްވާ މެމްބަރު، ޙަމްދުއްލާ ސަޢީދު ވަނީ ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނެރުނު އެންގުން ބާތިލުކޮށް އަލުން ދިވެހި ބަސް ސްކޫލު އޮނިގަނޑުގައި ހިމެނުމަށް ގޮވާލައްވައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ވެސް ފޮނުވާފައެވެ.
މި ސިޓީގައި ވަނީ، އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމި މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވާކަމަށެވެ. އަރަބި އަދި ދިވެހި ބަހަކީ ލަކްޝަދީބުގައި އެކަޑެމިކް މާއްދާތަކެއްގެ ގޮތުގައި ބަލާ މާއްދާތަކެއް ނޫން ނަމަވެސް، މަލިކު މީހުންގެ ސަގާފަތާ، ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަސްތަކެއްކަން މި ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
މި ސިޓީގައި ވަނީ، މަލިކުގެ ސްކޫލުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނިންމީ މާޗް މަހުގެ 29ވަނަ ދުވަހު ސްކޫލު ބަންދުކޮށްފައި ވަނިކޮށް ކަމަށެވެ. މި ނިންމުން ނިންމާފައި ވަނީ، ކަމާ ގުޅުންހުރި މީހުންގެ ތެރޭގައި ހިމެނޭ، ސްކޫލު މެނޭޖްމަންޓް ކޮމިޓީތަކާއި، ޓީޗަރުންނާއި، ބެލެނިވެރިން އަދި އިންތިޚާބު ކޮށްފައިވާ މަންދޫބުންނާ ވެސް މަޝްވަރާ ނުކޮށްކަން މި ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް އެ ސިޓީގައި އެދިފައި ވެއެވެ. އޭގެތެރޭގައި:
- ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނިންމި ނިންމުން ބާތިލުކުރުން
- ދިވެހި ބަހާއި އަރަބި ބަސް ތްރީ ލެންގުއޭޖް ފޯމިއުލާގެ ދަށުން އަލުން ލިޔަވައިދޭން ފެށުން
- މިކަމުގައި ކަމާ ގުޅުންހުރި މީހުންގެ ޚިޔާލު ހޯދުން
- އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި އޮޕްޝަނަލް ލެންގުއޭޖް ފްލެކްސިބިލިޓީ ގާއިމްކުރުން
ދިވެހި ބަހުގެ އިތުރުން އަރަބި ބަސް ވެސް ކިޔަވައިދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
ރާއްޖެ ފިޔަވައި ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކު ދިރިއުޅެނީ ހަމައެކަނި މަލިކުގައެވެ. މަލިކުގައި ދިވެހި ބަސް ކިޔަވައިދެނީ ގްރޭޑު ހަތަރަކާ ހަމައަށެވެ. މިއީ މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
ރާއްޖެއާއި މަލިކުގެ ތާރީޚު ދިރާސާކުރައްވާ ނާޖިހް ދީދީ ވިދާޅުވީ، ރާއްޖެއާ ސީދާ ގުޅުމެއް ނެތި މިހާ ދުވަސް ވަންދެން މަލިކުގައި ދިވެހި ބަސް ކުރިއަރުވާފައި ވަނީ މަލިކު ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި މަލިކުގައި ދިވެހި ކިޔަވައިދެނީ ވެސް ވަރަށް އާދައިގެ ގޮތަކަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެމީހުން އަމިއްލައަށް ގްރޭޑު ހަތަރެއްގެ ފެންވަރަށް ދިވެހި ބަސް ކިޔަވައިގެން ވެސް ބަސް ދިރުވަ އާލާކުރަން މަސައްކަތް ކުރޭ އެކަމަކު އެހިސާބަށް ވެސް ކިޔަވައި ނުދެވިއްޖެއްޔާ ކުދިންގެ ކިބައިން ބަހުގެ ހަމަތައް ގެއްލި ކުދިން އެ ސަރަހައްދުގެ މައިގަނޑު މަލިޔާޅަމް ނުވަތަ ހިންދީ ބަހަށް ބަދަލުވެ އަންނަން އޮތް ޖީލުތަކަށް ބަސް ގެއްލިދާނެ ކަމުގެ ބިރު އެމީހުންގެ އެބަ އޮތް،" އޭނާ ވިދާޅުވިއެވެ.
ކުރިން މަލިކު އޮތީ ރާއްޖޭގެ ރަށެއްގެ ގޮތުގައެވެ. ނަމަވެސް، ފަހުން މިރަށް ވަނީ އިންޑިއާ ސަރުކާރަށް ނަގައިފައެވެ.
މަލިކާއި އެ ރަށުގެ މީހުންނާ ދިވެހިންގެ އުޅުމާއި ސިފަ ވެސް މިހާރު ވެސް ވަރަށް އެއްގޮތެވެ. އެ މީހުންގެ ރަސްމީ ބަހަކީ ދިވެއްސެވެ. އަދި 10000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގެ ހުރިހާ ރައްޔިތުންނަކީ މުސްލިމުންނެވެ. ގޭގެއަށް ވަރަށް ގިނައިން ނަން ކިޔާފައި ހުންނަނީ ދިވެހި ރަށްތަކުގެ ނަމުންނެވެ.
ރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތުން ނިމުމަކަށް އައީ އެ ރަށުގެ މީހުންގެ މެދުގައި ނެގި ވޯޓެއްގައި ގިނަ ބަޔަކަށް އެގޮތް ފެނުމުން މީގެ 300 އެއްހާ އަހަރު ކުރިންނެވެ. އެ ވޯޓުގައި ގިނަ ބަޔަކު ނިންމީ އިންޑިއާގެ ބަޔަކަށް ވާށެވެ. އެ ގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް މާލެ އައުމަށް ވުރެން އިންޑިއާއަށް ދަތުރު ކުރުން ފަސޭހަވެފައި، ކައިރިވުން ހިމެނޭ ކަމަށް ވެއެވެ.