އިންޑިއާގެ ލަކްޝަދީބަށް ނިސްބަތްވާ މަލިކުގައި މިވަގުތު ނުތަނަވަސްކަން އުފެދިފައި ވަނީ، އެމީހުންގެ މާދަރީ ބަސް މަހަލް ނުވަތަ ދިވެހި ބަސް ސްކޫލުތަކުގައި ކިޔަވައިދިނުން ހުއްޓައިލަން ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އިހުތިޖާޖެއްކޮށް އަޑު އުފުލާފައި ވާއިރު، މިއަދު މުޅި މަލިކު ނުކުމެ އެއް އަޑަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ވާރޭގައި މަލިކު ރައްޔިތުން ނުކުމެ މަގުތައް ފުރާލީ އެމީހުންގެ މާދަރީ ބަހުގެ ހައްގުގައެވެ. މަހަލް ފޮހެ ނުލެވޭނެކަން ކަމާބެހޭ އިދާރާތަކަށް ރީތިކޮށް އަންގައިދިނުމަށެވެ.

މަލިކު މީހުން މަހަލް ބަހުގެ ދިފާއުގައި ކުރާ މުޒާހަރާގެ ތެރެއިން -- ފޮޓޯ/ މުފީދުއްދީން
އެ މީހުން ހިފައިގެން ތިބި ބެނާތަކުގައި ލިޔެފައި ވަނީ އެއީ "ސްކޫލު ސިލަބަހުން މަހަލް ނައްތާލުމާ ދެކޮޅަށް މަލިކު ރައްޔިތުން ހިންގާ މުޒާހަރާ"އެއް ކަމަށެވެ.
"މަލިކަކީ ހުސް މަހަލް މޮށޭ (ވާހަކަ ދައްކައި) ތަނެއް. އެހެން ކިޔަވައިދޭން ތިބި މާސްޓަރުމެން (ޓީޗަރު) ބޭރުކޮށްލައި އުކައިލައިގެން އަހަރެމެން މުޒާހަރާކުރަން ފޭބީމި،" މަލިކުގެ ތިން ސްކޫލުގައި މަހަލް ކިޔަވައިދޭ ތިން ޓީޗަރުން ވަކިކުރުމުގެ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
މަލިކުގައި މަހަލް ކިޔަވައިދެވެނީ ވަކި ޝަރުތުތަކެއް ހަމަވާ ބަޔަކަށެވެ.
އެ މީހުން ބުނީ، މަހަލް ނުވަތަ ދިވެހި ބަހުން ވާހަކަ ދެއްކުމަކީ އެމީހުންގެ ހައްގެއް ކަމަށެވެ.
"އަހަރެމެންގެ ހައްގު މީ. މި ހައްގު، ހައްގަށް އޮންނަން ވާނެ. ލަކްޝަދީބް އެޑްމިނިސްޓްރޭޝަނުން ކިތަންމެ ވަރަކަށް ދެކޮޅު ޖަހަން އުޅުނަސް އަހަރެމެން އެ އެއްޗާ ދެކޮޅަށް ދެކޮޅު ޖަހާނަން (ދެކޮޅު ހަދާނަން)،" މުޒާހަރާގެ އިތުރު ބައިވެރިއަކު ބުންޏެވެ.

މަހަލްގެ ދިފާއުގައި މަލިކުން ހިންގާ މުޒާހަރާތައް ގިނަ ބައެއްގެ ސަމާލުކަމަށް އައީ، މުފީދުއްދީން މޮނެގެ ނަމަކަށް ކިޔާ މީހަކު އިންސްޓަގްރާމުގައި މިދިޔަ ހޯމަ ދުވަހު ޕޯސްޓު ކުރި ވީޑިއޯއެއްގެ ސަބަބުންނެވެ.
މި ވީޑިއޯގައި ވާހަކަ ދައްކަމުން އޭނާ މިކަން ސިފަކުރީ، މިއީ މަލިކު މީހުންގެ ސަގާފަތް ފޮހެލުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އަދި މިއީ ހަމައެކަނި އެމީހުންގެ ތައުލީމީ ނިޒާމަށް ދޭ ހަމަލާއެއް ނޫންކަމަށާއި މިއީ އެމީހުންގެ ސަގާފަތާއި އެމީހުންގެ ނަސްލަށް ދޭ ހަމަލާއެއް ކަމަށް އޭނާ ބުނެއެވެ.
ލަކްޝަދީބް އެޑްމިނިސްޓްރޭޝަންގެ މި ނިންމުމާ ގުޅިގެން އިންޑިޔާގެ މަޖިލީހުގައި މަލިކާއެކު މުޅި ލަކްޝަދީބު ތަމްސީލުކުރައްވާ މެމްބަރު، ޙަމްދުއްލާ ސަޢީދު ވަނީ ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނެރުނު އެންގުން ބާތިލުކޮށް އަލުން ދިވެހި ބަސް ސްކޫލު އޮނިގަނޑުގައި ހިމެނުމަށް ގޮވާލައްވައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ވެސް ފޮނުވާފައެވެ. މި ސިޓީ ފޮނުވީ މިމަހުގެ 20ވަނަ ދުވަހުއެވެ.

މަލިކު މީހުން މަހަލް ނުވަތަ ދިވެހި ބަހުގެ ދިފާއުގައި ކުރާ މުޒާހަރާގެ ތެރެއިން -- ފޮޓޯ/ މުފީދުއްދީން
އެ ސީޓީގައި ވަނީ، އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމި މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވާކަމަށެވެ. އަރަބި އަދި ދިވެހި ބަހަކީ ލަކްޝަދީބުގައި އެކަޑެމިކް މާއްދާތަކެއްގެ ގޮތުގައި ބަލާ މާއްދާތަކެއް ނޫން ނަމަވެސް، މަލިކު މީހުންގެ ސަގާފަތާ، ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަސްތަކެއްކަން މި ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
މި ނިންމުން ނިންމާފައި ވަނީ، ކަމާ ގުޅުންހުރި މީހުންގެ ތެރޭގައި ހިމެނޭ، ސްކޫލު މެނޭޖްމަންޓް ކޮމިޓީތަކާއި، ޓީޗަރުންނާއި، ބެލެނިވެރިން އަދި އިންތިޚާބު ކޮށްފައިވާ މަންދޫބުންނާ ވެސް މަޝްވަރާ ނުކޮށްކަން މި ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް އެ ސިޓީގައި އެދިފައި ވެއެވެ. އޭގެތެރޭގައި:
- ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނިންމި ނިންމުން ބާތިލުކުރުން
- ދިވެހި ބަހާއި އަރަބި ބަސް ތްރީ ލެންގުއޭޖް ފޯމިއުލާގެ ދަށުން އަލުން ލިޔަވައިދޭން ފެށުން
- މިކަމުގައި ކަމާ ގުޅުންހުރި މީހުންގެ ޚިޔާލު ހޯދުން
- އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި އޮޕްޝަނަލް ލެންގުއޭޖް ފްލެކްސިބިލިޓީ ގާއިމްކުރުން
މި ސިޓީއާ ގުޅިގެން މިއަދާ ހަމައަށް ވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށް "ސަން"އާ ވާހަކަ ދައްކަމުން މިއަދު މުފީދުއްދީން ބުންޏެވެ.

މަލިކު މީހުން މަހަލް ނުވަތަ ދިވެހި ބަހުގެ ދިފާއުގައި ކުރާ މުޒާހަރާގެ ތެރެއިން -- ފޮޓޯ/ މުފީދުއްދީން
ދިވެހި ބަހުގެ އިތުރުން އަރަބި ބަސް ވެސް ކިޔަވައިދިނުން ހުއްޓާލުމަށް ލަކްޝަދީބް އެޑްމިނިސްޓްރޭޝަނުން ނިންމީ، މާޗް މަހުގެ 29ވަނަ ދުވަހު ސްކޫލު ބަންދުކޮށްފައި ވަނިކޮށެވެ.
ރާއްޖެ ފިޔަވައި ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކު ދިރިއުޅެނީ ހަމައެކަނި މަލިކުގައެވެ. މަލިކުގައި ދިވެހި ބަސް ކިޔަވައިދެނީ ގްރޭޑު ހަތަރަކާ ހަމައަށެވެ. މިއީ މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
ކުރިން މަލިކު އޮތީ ރާއްޖޭގެ ރަށެއްގެ ގޮތުގައެވެ. ނަމަވެސް، ފަހުން މިރަށް ވަނީ އިންޑިއާ ސަރުކާރަށް ނަގައިފައެވެ.
މަލިކާއި އެ ރަށުގެ މީހުންނާ ދިވެހިންގެ އުޅުމާއި ސިފަ ވެސް މިހާރު ވެސް ވަރަށް އެއްގޮތެވެ. އެ މީހުންގެ ރަސްމީ ބަހަކީ ދިވެއްސެވެ. އަދި 10000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގެ ހުރިހާ ރައްޔިތުންނަކީ މުސްލިމުންނެވެ. ގޭގެއަށް ވަރަށް ގިނައިން ނަން ކިޔާފައި ހުންނަނީ ދިވެހި ރަށްތަކުގެ ނަމުންނެވެ.